ސްކޫލްތަކާއި ހޮސްޕިޓާތަކާ އަދި ދިވެހިންގެ ހަރުމުދާ ވިއްކަމުންދަނީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ދެން ދުވަަހަކުވެސް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަން އެނގިވަޑައިގަންނަވާތީ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.



މޫޑީސްއިން ރާއްޖޭގެ ރޭޓިން ދައްކުރުމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖެ މިދަނީ ބަނގުރޫޓްވަމުން ކަމަށާއި، މުޅި ގައުމު ދަރަނިވެރިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ސުކޫލުތަކާއި ހޮސްޕިޓާތައް އަދި ދިވެހިންްގެ ހަރުމުދާތައް ވިއްކަމުންދާ ކަމަށެވެ.

"ސުކޫލުތަކާއި ހޮސްޕިޓަލުތަކާއި ހަރުމުދާތަށް ވިއްކަމުންދަނީ ދެން ދުވަހަކުވެސް ވެރިކަމަށް ނާދެވޭނެ ކަން އެނގޭތީ، ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް،." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ދަރުމަންތަ ހޮސްޕިޓަލު ރަހުނުކޮށް ސަރުކާރުން ވަނީ ލޯނު ނަގާފައެވެ. މީގެ އިތުރުން ދައުލަތަށް އާމްދަނީ ހޯދުމަށް ސުކޫލުތަށް އެސެޓްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެެވެ.

މޫޑީސް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ 3 އިން ސީއޭއޭ 1 އަށް ދަށްކޮށްފައެވެ. މޫޑީސްއިން ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު ކުރިއަށް އޮތްތާނގައި ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް ބޮޑުވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅު ނަމަވެސް ދަރަނި ކުޑަވާން ވަގުތު ނަގާނެ ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ. މޫޑީސްއިން ވަނީ ރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) މި އަހަރު 19 ޕަސެންޓް އަދި އަންނަ އަހަރު 14 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައެވެ.

ނަމަވެސް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 107 ޕަސެންޓަށް ވެއްޓޭނީ 2024ގައި ކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ. މިހާރު ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 117 ޕަސެންޓުގައިކަން ފާހަގަކޮށްލެވެއެެވެ.



ކިޔުންތެރިންގެ ހިޔާލު