އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާކުރަން ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މަހުލޫފަށް ދައުވާކުރުން ލަސްވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް އަދިވެސް ހެކި ނުހޯދޭތީކަމަށެވެ. އެމައްސަލައިގައި ހޯދަންޖެހޭ ބައެއް މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުންނާއެކު ކުރަމުންދާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެއްވެސް މައްސަލައެއްގައި އިންސާފުން އެއްކިބާވާ ގޮތަށް މައްސަލަތަކަށް ދައުވާކުރަން ނުފޮނުވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މައްސަލައަކާއި ގުޅިގެން ހެއްކެއް ހޯދަންޖެހިއްޖެނަމަ 100 ދުވަސް ވިޔަސް ދައުވާކުރާނީ އެހެތްކެއް ހޯދުމަށް ފަހު ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ އޮފީހަށް ހުށައެޅޭ މައްސަލަތަކުގައި ދައުވާ ކުރަން ވަކި މުއްދަތެއް އޮންނަކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ މަހުލޫފްގެ މައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައެއްކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަކި މުއްދަތެއްގައި ދައުވާކުރަން ފޮނުވަންޖެހޭނެ ފަދަ އެއްވެސް ހުރަހެއް ނެތްކަމަށް އޭނާ ވިދާޅުވިއެެވެ.

މައްސަލަ ދިރާސާކުރުމުގައި ޕީޖީން ތަފާތުކުރުން ގެންގުޅޭ ކަމަށް މަހުލޫފުވަނީ ވިދާޅުވެފައެވެ. މިމައްސަލައިގައި ދައުވާ ކުރުމާއިމެދު ގޮތެއް ނުނިމި ލަސްވާތީ މަހުލޫފް ވެސް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭސީސީން މީގެ ކުރިން ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިމެއެވެ. އެމައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުން މިނިސްޓަރު މަހުލޫފް ވަނީ ސަސްޕެންޑްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން