ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކުހެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ކަނޑޫދޫގެ ދަނޑުވެރިންނާ ބައްދަލުކުރައްވައި ވާހަަކަފުޅު ދައްކަވަމުންނެެވެ. މިއަދު ހަވީރު ކަނޑޫދޫގެ ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިޙު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުޞަތު އޮތްކަމަށާއި، އެކަމަށް ޑިމާންޑް ވެސް އެބައޮތްކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތަކާއި އެދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސް ވަނީދަނޑުވެރިންނާއި މަޝްވަރާކުރައްވާފައެވެ.

ރައީސް ސާލިޙު ވިދާޅުވީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކުހެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށާ، ދެން ދަނޑުވެރިން ހުށަހަޅައިފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ. އެމަނިކުފާނު މިއަދު ހަވީރު ވަނީ ތ. ގާދިއްފުއްޓަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން