ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގާދިއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ގާދިއްފުށި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޯހިޔާވަހިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ކުޅިވަރު އިންފްރާސްޓަރަކްޗަރ ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ އިޖްތިމާޢީ ފޭރާން ގޯސްވަމުން ދިޔުމުގެ ސަބަބުން ގާދިއްފުށީގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިޙު ވަނީ ގާދިއްފުށީގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާކަމަށާއި، ސްކޫލް ޢިމާރާތުގެ މަސައްކަތް އެވޯޑްކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ވެސް ފުލުހުންގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށާއި އެބޭފުޅުން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރްރީތަކުން ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބިމުގެ ދަތިކަމާއި، މަސައްކަތްކުރާ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ގާދިއްފުށްޓަކީ އެންމެ ފަހުގެ މަންޒިލެވެ. އެމަނިކުފާނު ތ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިއްމާލެއްވުމަށްފަހު މިހާރު ވަނީ މާލެ ފުރާވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން