ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރްސީ ކޮރަޕްޝަން މައްސަލައިގައި އިތުރު އާ ހެއްކެއް ހޯދުމުގެ މަސައްކަތް ކުރަމުން ނުދާކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނުމުން، އެމައްސަލައިގައި ޕީޖީ ޝަމީމާއި ފުލުހުންގެ ވާހަކަ ދިމާނުވާކަން ހާމަވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަހްލޫފް މައްސަލައިގައި އާހެއްކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުދާކަމަށެވެ. އެހެން ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހްގީގުގައި ކުރިން ވެސް ހޯދާފައި ހުރި ބައެއް ހެކިތަކާއި ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން ޕީޖީން އެދިފައިވާތީ އެކަން ކުރިއަށް ގެންދާކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފުން މަހުލޫފުގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިތާ މިހާރު ވަނީ އެތައް ދުވަހެއްވެފައެވެ. އެމައްސަލައިގައި އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ، މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ ލިބެން ހުރި ހުރިހާ ހެކިތަކެއް ހޯދުމަށްފަހުގައި ކަމަށެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މަހުލޫފަށް ދައުވާކުރުން ލަސްވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް އަދިވެސް ހެކި ނުހޯދޭތީކަމަށެވެ. އެމައްސަލައިގައި ހޯދަންޖެހޭ ބައެއް މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުންނާއެކު ކުރަމުންދާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާއިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިމެއެވެ. އެމައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުން މިނިސްޓަރު މަހުލޫފް ވަނީ ސަސްޕެންޑްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން