ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީން ފަށައިފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން މިނިސްޓްރީން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި ބެލެވޭކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު އެ މިނިސްޓްރީން ބަލަމުންގެންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެމަސައްކަތްކޮށް ނިންމާލުމަށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ތިލަފުށި ގޮނޑަކީ އެތަކެއް އަހަރުވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ޙާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއްކަމަށެެވެ. އަދި އެކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއްވެދާނެ ކަމަށްވިޔަސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއްކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން މަސައްކަތްކުރަނީ މި އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ގޮނޑުން ދުންއެރުން ހުއްޓުވައި އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމާލުމަށްކަމަށެެވެ. އަދި އޭގެއިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) ގެ އެހީގައި ފަށާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު ފެށުމަށް އެ މިނސްޓްރީން ދަނީ ތައްޔާރުވަމުންކަމަށްވެސް މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން