އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނެ އޭނާއާ ދެކޮޅަށް ދައުވާކުރާނެ ހެއްކެއް ނުހުންނާނެ ކަމަށް ވިދާޅުވެ ދައްކަމުންދާ ވާހަކަތަކަކީ ހަޤީގަތެއްކަން މިއަދު ހާމަވެފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އޭނާގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ ލިބެން ހުރި ހުރިހާ ހެކިތަކެއް ހޯދުމަށްފަހުކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެނެވެ. ޝަމީމް ވިދާޅުވީ، މަހުލޫފަށް ދައުވާކުރުން ލަސްވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް އަދިވެސް ހެކި ނުހޯދޭތީކަމަށެވެ. އެމައްސަލައިގައި ހޯދަންޖެހޭ ބައެއް މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުންނާއެކު ކުރަމުންދާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މަހްލޫފް މައްސަލައިގައި އާހެއްކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުދާކަމަށެވެ. އެހެން ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހްގީގުގައި ކުރިން ވެސް ހޯދާފައި ހުރި ބައެއް ހެކިތަކާއި ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން ޕީޖީން އެދިފައިވާތީ އެކަން ކުރިއަށް ގެންދާކަމަށް ފުލުހުންގެ އިދާރާ އިން ބުނެއެވެ.

މިވާހަކަތަކާއި ގުޅިގެން މަހްލޫފް ވިދާޅުވީ އޭނާއަށް ދައުވާކުރާނެ ހެއްކެއް ނެތްކަމަށް ތަކުރާރުކޮށް ބުނާ ވާހަކަ އިތުރަށް ޔަޤީންވެއްޖެކަމަށެވެ. މަހްލޫފް ވިދާޅުވީ 2 އަހަރު ވަންދެން ރިޔާސީ ކޮމިޝަން، ޕޮލިސް އަދި އޭސީސީންކުރި މަަސައްކަތުން ފެނުނު ހެކިތައް ޕީޖީއަށް ފޮނުވާފައިވާކަމަށެވެ. އެހެންކަމުން އަދިވެސް ހަމަ ހެކި ހޯދަނީތޯ ވިދާޅުވެ މަހްލޫފް ވަނީ ސުވާލު އުފައްދާފައެވެ.

"މިވަރު ވާހަކައެއް ޝަމީމް ވިދާޅުވެދާނެކަމާމެދު ޝައްކު." މަހްލޫފް ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާއިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިމެއެވެ. އެމައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުން މިނިސްޓަރު މަހުލޫފް ވަނީ ސަސްޕެންޑްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން