ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް މަސައްކަތް ކުރަމުންދާއިރު ވޯސްޓް ކޭސް ސިނާރިއޯއެއްގައި ނުވަތަ އެންމެ ގޯސްހާލަތަށް ބަލާނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް މިއަހަރު ފަށައިނުގަނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވިދާލުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ލޮކްޑައުންގެ ހާލަތުން އަރައިގަނެ ޓުއަރިޒަމް މަސައްކަތް ފެށިދާނެ ކަމަށް އަންދާޒާ ތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން މި މަހު އަންނަ ސާރޖް ގައި ގޯސްކޮށް ކަންތައް ހިނގައްޖެނަމަ އެންމެ ވޯސްޓްކޭސް ސިނާރިއޯގައި މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާ ނުލެވޭނެ ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ލޮކްޑައުން ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ބެސްޓް ކޭސް ސިނާރިއޯގައި ނުވަތަ އެންމެ ރަނގަޅު ހާލަތުގައި އަންނަ ޖުލައި މަހު ޓޫރިޒަމްގެ މަސައްކަތް ފެށިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ކުއާޓާ ދެމިގެންދާނީ ޖުލައި އިން އޮކްޓޫބަރަށް. މިދޭތެރޭގައި ޓޫރިޒަމް ފެށޭނެ ކަމަށް އުއްމީދުކުރަން." ޢަލީ ވަޙީދު ވިދާޅުވިއެވެ.

އެއަށް ފަހު ގެންގުޅޭނީ މޮޑެރޭޓް ކޭސް ސިނާރިއޯއެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މޮޑެރޭޓް ކޭސް ސިނާރިއޯގައި ބަލި ފެތުރިގެންދާނެ މިންވަރަށް ބެލުމަށްފަހު ބަލި ކޮންޓްރޯލް ކުރުމަށްފަހު ޓޫރިޒަމް ފެށޭވަރު ވާނީ އަންނަ އޮކްޓޯބަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު "ނިއު ނޯމަލް" އަކާ ހަމައަށް ވާސިލް ވުމަށް ކަންކުރަންވީ ގޮތް ބަލަމުންދާ ކަމަށާއި ޓުއަރިޒަމް ފެށުމަށް ހަދާނެ އިކޮނޮމިކް އުސޫލުތަކުގެ ކަރުދާހެއް ރައީސް އޮފީހަށް ހުށައަޅާފައިވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރައީސް އޮފީހުގެ ހިޔާލާއި ލަފައާއެކު އިންޑަސްޓީއަށް އެ ކަރުދާސް ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއަށްފަހު އަލުން ޓުއަރިޒަމް ފަށާނެ ގޮތުގެ އުސޫލު ނިންމާނީ އިންޑަސްޓްރީއާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޮތުން ބޭރުން ރާއްޖެއަށް ގެނައި ޑޮކްޓަރުންގެ ލަފައާއި ބޭރުގެ ޖަމިއްޔާތަކުގެ ލަފައާއި އެހެނިހެން ގައުމުތަކުގައި ކަންކުރާ ގޮތަށް ބެލުމަށްފަހު ނިއު ނޯމަލްއަކަށް ދާން ކަން ކުރާނެ ގޮތް ރޭވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެތެރޭގައި ފޭސް 1 ގައި ހުޅުވާނީ ކޮން އެއާޕޯޓެއްތޯ އާއި ފުރަތަމަ ގެންނާނީ ކޮން ކަހަލަ ފްލައިޓްތަކެއްތޯ ބަލާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ފޭސް 2 ގައި ކަންކަން ކުރާނެ ގޮތެއް ނިންމާ ނިއު ނޯމަލްއަކަށް ދެވޭނެ ގޮތަށް ބަލާފައި ވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޓޫރިޒަމް ފެށުމުގެ ބޭނުމުގައި ރާއްޖޭގެ ޙާލަތަށް ނުބަލައި، ބޯޑަރު ނުހުޅުވާނެ ކަމަށެވެ. އަދި ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރެއް ނުހުޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން