ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވާ ހަތަރު މީހުންގެ ބަންދު ގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ދިގު ދަންމާލައިފިއެެވެ.

ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ރައީސް މުހަންމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދައުލަތުން މިހާތަނަށް ދައުވާ ކޮށްފައި ވަނީ ހަތަރު މީހުންގެ މައްޗަށެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ ތެރެއިން އަދުހަމް، މުޖާޒް އަދި ތަހުމީން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މިދިޔަ މަހުއެވެ. މިއަދު އޮތީ އެ މީހުންގެ ބަންދު މުރާޖައާ ކުރުމުގެ ބައެވެ. ބަންދު މުރާޖައާއަށް ފަހު ބަންދު ދަންމާލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ހައިޝަމް، މިދިޔަ މަހުގެ 21 ވަނަ ދުވަހު ބަންދަށް ޖެހި 30 ދުވަހުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



ބޮމުގެ ހަމަލާގެ މައްސަލަ ބަލަން މިހާރު ކްރިމިނަލް ކޯޓުގައި ވަނީ ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފަ އެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމަކީ ބޮން ގޮއްވައިލި މީހާ ކަމަށް ފުލުހުން ބުނެ އެވެ. މުޖާޒަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާ އެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ހައިޝަމަކީ ވެސް ބޮން ހަރުކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން