ރައްޔިތުންނަށް ވެރިކަން ވައްޓާލެވެން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ ބަރުލަމާނީ ނިޒާމަކުން ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅާ ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ރަނގަޅަށް ތަންފީޒު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލެވެން ޖެހޭނެ ކަމަށެވެ. އެކަމަކު އެއީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ލިބޭ ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޮންޑޭ ވިދާޅުވީ އަސާސީ ހައްގެއް ހޯދުމަށްޓަކައި މިހާރު ރައްޔިތުން މަޖިލިސް މެންބަރަށް ގުޅަން ޖެހޭ ކަމަށާއި އެއަށް ފަހު މެންބަރުން ސަރުކާރުގެ ވަޒީރުން ކައިރީ ސަލާން ޖަހަން ޖެހޭ ކަމަށެވެ. އަނެއްކާވެސް ސަރުކާރަށް ރައްޔިތުން ފެންނަނީ ވޯޓުލާ ދުވަސް ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތައް ސަރުކާރުން ބައެއް ފަހަރު ތަންފީޒު ނުކުރާކަން ބޮންޑެ ވަނީ ފާހަަގަކުރައްވާފައެވެެ.

"މަޖިލިސް ތެރެއިން އެ ދުވަހުން ދުވަހަށް ތަންފީޒު ނުކުރެވޭ ކަމަށް ވަންޏާ ނިޒާމެއް އަަދި ވެރިކަމަކަށް ވެސް ވޯޓުލުމުގެ މަގްސަދެއް ނެތް." ބޮންޑޭ ވިދާޅުވި އެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ވެރިކަން ހިންގާނެ ނިޒާމާ ގުޅޭ ގޮތުން ރާއްޖޭގައި މީގެ ކުރިން ނެގުނު ވޯޓާ ގުޅޭ ގޮތުން ރައްޔިތުން މިހާރު ޝައްކު އުފައްދާ ކަމަށެވެ. އަދި އިތުބާރު ހިފޭ ގޮތަކަށް އަލުން އެކަން ކުރުމުގެ ވިސްނުން ވެސް ރައްޔިތުން ގެންގުޅޭ ކަމަށް ވެސް ބޮންޑޭ ވަނީ ވިދާޅުވެފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ހިންގާ މި ހަރަކާތަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން