ހިޔާ ފްލެޓުތަކުގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެން، ލިފްޓުތައް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓު ނުދޭން ނިއްމައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެެވެ.

ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވާ ކަމަށެވެ. ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ އެ މަސައްކަތް ނިމުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލަން އެޗްޑީސީން ވަނީ އެދިފައި. ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށްގެންދާނީ އެމަސައްކަތްތައް ނިމި ކަރަންޓުގެ ހިދުމަތްދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން." ސްޓެލްކޯ އިން ބުނެފައިވެއެެެވެ.

އެޗްޑީސީން އެގޮތައް އެދުނީ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވެފައިވާތީ ލިފްޓްތައް ކޮމިޝަން ނުކޮށްހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށްބަލައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެެ.

ސްޓެލްކޯއިން އައީ ކޮންމެ ދުވަހަކު ދެ ޓަވަރަށް ކަރަންޓު ދެމުންނެވެ. އެހެން ނަމަވެސް އިއްޔެ ޓަވަރަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދެވޭގޮތެއް ނުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ފްލެޓް ތަކުގެ ތަޅުދަނޑި މިހާރު ވަނީ ހަވާލު ކޮށްފައެވެ. އޭގެތެރެއިން ބައެއް ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ފަށައިފައިވާއިރު ތަށިމުށި ޖެހުމާއި ކުލަ ލުމާއި ދޮރުފަތް ހަރު ކުރުން ފަދަ ކަންކަން މިހާރު ދަނީ ކުރަމުންނެވެ.

ހިޔާ ފްލެޓް ތަކުގެ ފިނިޝިންގ މަސައްކަތްތައް ކުރަން ޖެހެނީ ފްލެޓްތައް ލިބުނު ފަރާތްތަކުން އަމިއްލައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން