މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ސްރީލަންކާގެ އާ ޚާރިޖީ ވަޒީރު ޕްރޮފެސަރ ޖީ. އެލް. ޕީރިސްއާ ފޯނުން ގުޅުއްވައި

މަޝްވަރާކުރައްވައިފިއެެވެ.

މިނިސްޓަރ ޝާހިދު ވަނީ ޕްރޮފެސަރ ޕީރިސް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އެކުވެރި ގުޅުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކާ، ސުލްހަޔާ ސަލާމަތާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ޙާލަތާއި، ދެކުނު އޭޝިއާ ސަރަހައްދުގައި މި ބަލި ފެތުރެމުންދާ ގޮތާ ބެހޭ ގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރައްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އަދި ވެކްސިން ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.



އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް ސްރީލަންކާ ސަރުކާރުން ކުރި ތާއީދަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގެ އަމާޒަށް ވާސިލްވުމަށް ސްރީލަންކާއާއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ ޕީރިސްއަށް ދެއްވާފައެވެ. އަދި ބައިނަލްއަޤްވާމީ ރޮނގުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޕްރޮފެސަރ ޖީ.އެލް ޕީރިސް ސްރީލަންކާގެ ޚާރިޖީ ވަޒީރުކަމާ އަނެއްކާވެސް ހަވާލުވެވަޑައިގަތުމާ ގުޅިގެން ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ މަރުޙަބާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން