ފޭކް ބުކިންގ ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަ ތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ފޭކް ބުކިންގއާގުޅޭ މައްސަލަތަކެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށް ބުނެ އެވެެ. މި މައްސަލަ ބަލަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުންނެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ކުރިން ތިބޭނެ ތަނެއް އިމިގްރޭޝަނަށް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެެވެ. އެއްތަނަކަށް މާގިނަ ބުކިންގ ހައްދާފައި ހުންނަ މައްސަލަތަކާއި، ފަތުރުވެރިންނަށް އޮޅުވާލައިގެން ގެނެސް އެމީހުން މަގުމަތިކުރަމުންދާ މައްސަލަތަކަކާއި، އާންމުން ދިރިއުޅޭ ގޭގޭގައި މީހުން ކަރަންޓީން ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެެވެ.

އުސޫލުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ، ޓޫރިޒަމް މިނިސްޓްރީން ޚާއްސަ އިންސްޕެކްޝަނެއް ސަރުކާރުކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ވަނީ ފަށާފައެވެ. އޮޅުވާލައިގެން ސައްހަ ނޫން ބުކިންތަކެއް ހެދައިގެން މީހުން އެތެރެކުރުމުގެ ސަބަބުން މާލޭގައި މަގުމަތިވި 27 ފަތުރުވެރިއަކަށް ސަރުކާރުން މިހާރު ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ހިމެނެއެވެެ. އޭގެ އިތުރުން، ހަތަރު ކޮޓަރިއަކަށް ބުކިން ހައްދައިގެން ރާއްޖެއަށް އައި އިންޑިޔާގެ 189 މީހަކު މިހާރު ވަނީ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން