ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަށް މިއަދު ހުށައަޅައިފިއެވެ.

އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެމައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އިބްތިދާއީ ގޮތުން ކުރިއަށް ގެންދަން ވަނީ ފުރުސަތު ދީފައެވެ. އެ ފުރުސަތުގައި ދައުލަތުން އެއްް ހުށައެޅުން ހުށައެޅިއިރު ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ދިފާއުގައި ހަތަރު ހުށައެޅުމެއް ހުށައަޅާފައެވެ. އެގޮތުން ދައުލަތުން ހުށައެޅުމެއްގެ ގޮތުގައި ހުށަހެޅި ރިޕޯޓުގައި ސީޑީއެއްގައި ހިމެނޭ މައުލޫމާތު ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން ވަނީ އެދިފައެވެ.



ދައުލަތުން ބުނީ އެގޮތަށް އެދުނީ އެ މައްސަލައަކީ މިހާރު ވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ދައުލަތުގެ 3 އިދާރާއަކުން ބަލަމުންދާ މައްސަލަތަކެއްގައި ހިމެނޭ ގިނަ ބައެއްގެ ޒާތީ މައުލޫމާތު އޭގައި ހިމެނިފައިވުމާއި، އެކަމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިދާނެތީކަމަށެވެ. އޭގެ އިތުރުން، މި މައްސަލައިގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ދައުވާ ލިބޭ ފަރާތަށް ލިބިއްޖެނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަން ވެސް ދައުލަތުން ވަނީ ބުނެފައެވެ.

އެކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ، ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ސަބަބުތަކަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭ ސަބަބުތަކެއް ނޫން ކަމަށެވެ. ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން ނޭނގި، ދައުވާއަށް ޖަވާބުދާރީވާން ވެސް ނޭނގޭނެ ކަމަށް ރައީސް ޔާމިންގެ ވަކީލު ވިދާޅުވިއެވެ. ދައުލަތުން ހުށަހެޅި ހުށަހެޅުން ރައްދުކޮށްދެއްވުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ޝަރީއަތުގައި ވަނީ އެދިފައެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން 4 ހުށަހެޅުމެއް ހުށައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށައެޅުމަކާއި ދައުވާ ފޯމުގައި އުނިކަމެއް ހުރުމުން ދައުވާ ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް ހުށައެޅުމެއް ހުށައެޅުމަކާއި ދައުވާ ލިބޭ ފަރާތްތަކުގެ މެދުގައި ޤާނޫނީ ކޮންފްލިކްޓްތަކެއް ހުރުމުން އިންސާފަށް ވާސިލުވުމަށް ހުރަސް އެޅިދާނެކަމަށް ބަޔާންކޮށް، ދައުވާލިބޭ ފަރާތްތަކުގެ ބައިތައް ވަކި ކޮށްގެން ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވާ ހުށައެޅުމެކެވެ.

އަދި ހަތަރުވަނަ ކަމެއްގެ ގޮތުން ހެކި ހާމަކޮށްދިނުމަށް އެދި ރައީސް ޔާމިން ފަރާތުން ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ހެކި ހާމަކުރުމާބެހޭ 5 ކަމެއް ވަނީ ދިފާއުން ތަފްސީލާއެކު ހުށަހަޅާފައެވެ.

ރައީސް ޔާމިންގެ ފަރާތުން ހުށައެޅި ކަންކަމާއި ގުޅިގެން ދައުލަތުން ބުނީ ކުށުގެ ތަބީއަތު ނިޔާކުރާ ގޮތުން މިފަދަ ބޮޑެތި ކުށްތަކުގައި ހެކިބަސް ދޭން ވެސް ތިބޭނީ އެކަމުގައި ޝާމިލުވެ އުޅުނު މީހުން ކަމަށެވެ. ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ ނިޒާމުގައި ވެސް މި އުސޫލުތަކަށް އަމަލު ކުރާކަމަށް ދައުލަތުން ބުނެފައިވެއެެވެ.މި މައްސަލައިގައި ދެފަރާތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ޝަރީއަތުން ސާފު ކުރަންހުރި ކަންކަން ސާފު ކުރައްވަން ސުވާލު ކުރައްވާފައެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ. ގާޒީ އެހެން ވިދާޅުވުމުން ދިފާއުން ވަނީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތަކާ ގުޅިގެން އިތުރު އަޑުއެހުމެއް ބޭއްވުމަށް އެދިފައެވެ. ނަމަވެސް ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތަކަށް ރައްދު ދިނުމަށް އަޑުއެހުންތައް ތަކުރާރުކޮށް ބާއްވާނަަމަ އެއީ ނިމުމެއް ނޯންނާނެ ކަމެއްކަން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއެވެ.

ޝަރީއަތުން ވަނީ ދެން އޮންނާނީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއްކަން އިއުލާން ކުރައްވާފައެެވެ. މި އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ހެނދުނު 09:00 ގައި މި އަޑުއެހުން އޮންނާނެކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ކަންކަން ނިންމަވާނެކަން ގާޒީ އިއުލާން ކުރައްވައި މިއަދުގެ ޝަރީއަތުގެ މަޖިލިސް ވަނީ ނިއްމާލާފައެވެ.

ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލީ ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށް ބުނެ އެވެ. މިމައްސަލައިގައި މަނީލޯންޑަރިންގެ ދައުވާ ވެސް ރައީސް ޔާމިންގެ މައްޗަށް ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން