އަހުމަދު މަސްނޫމް   23 އޯގަސްޓު 2021 - 14:56
ޗައިނާގެ ސިނޯފާމް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން، އެވެކްސިންގެ 3 ވަނަ ޑޯޒެއް ޖަހަންޖެހޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިޑިއާ އަކަށް މައުޅޫމާތު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ސިނޯފާމް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަންޖެހެނީ އެވެކްސިންގެ ބާރު ދަށްވުމުންކަމަށެވެ. އަދި ދުނިޔޭގެ ބައެއް އެހެން ސަރަޙައްދުތަކުގައިވެސް ސިނޮފާމް ޖަހާފައިވާ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ރާއްޖެއިން އެގޮތަށް އަމަލު ކުރަން ފަށާނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިނޯފާމްގެ އިތުރުން، އެހެން ވެކްސިން ޖަހާފައިވާ ފަރާތްތަކުންވެސް ބޫސްޓާ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރ އިއްޔެ ވަނީ ވިދާޅުވެފައެވެ. ބޫސްޓާ ޑޯޒެއް ޖެހުން މުހިއްމުކަމަށް ނަސީމް ވިދާޅުވިނަމަވެސް، އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ރާއްޖޭގައި މިހާތަނަށް 364،847 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 298،418 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ރާއްޖެއިން މިހާރު ދަނީ ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން