ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން އިތުރު ބޫސްޓަރ ޑޯޒެއް ޖެހުމާއިމެދު ގޮތެއް ނިންމާފައިނުވާކަމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ، ޗައިނާގެ ސިނޯފާމް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން، އެވެކްސިންގެ 3 ވަނަ ޑޯޒެއް ޖަހަންޖެހޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖޭގެ މިޑިއާއަކަށް މައުޅޫމާތު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ސިނޯފާމް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަންޖެހެނީ އެވެކްސިންގެ ބާރު ދަށްވުމުންކަމަށެވެ. އަދި ދުނިޔޭގެ ބައެއް އެހެން ސަރަޙައްދުތަކުގައިވެސް ސިނޮފާމް ޖަހާފައިވާ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ރާއްޖެއިން އެގޮތަށް އަމަލު ކުރަން ފަށާނީ ޑޮކްޓަރުންގެ ލަފާގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިނޯފާމްގެ އިތުރުން، އެހެން ވެކްސިން ޖަހާފައިވާ ފަރާތްތަކުންވެސް ބޫސްޓާ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރ އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެޗްޕީއޭއިން ބުނީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިތިބި މީހުން ބޫސްޓަރ ޑޯޒްއެއް ޖަހަމުން އައިނަމަވެސް ރާއްޖެއިން މިކަމުގައި އަމަލުކުރާނެ ގޮތަކާއިމެދު މިހާތަނަށް އައިއިރު ގޮތެއް ނިންމާފައި ނުވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނީވެސް ޑޮކްޓަރުންގެ ލަފަޔާ މަޝްވަރާގެ މަތިންކަމަށާއި މިހާރުވެސް ވެކްސިން ޑޯޒްތައް ޖެހުމާ ގުޅޭ ދިރާސާތައް ކުރަމުން އަންނަކަމަށެވެ.

މިމަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށް އަމާޒުހިފާފައިވާއިރު ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއަކީ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޤައުމެއްކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ރާއްޖޭގައި މިހާތަނަށް 364،847 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 298،418 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ރާއްޖެއިން މިހާރު ދަނީ ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން