"ސަވާދީއްތަ ދަތުރު" އިންޓަރނޭޝަނަލް ޔޮޓް ރެލީ 2022 އިފްތިތާޙުކޮށްފި އެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޮޓް ރެލީއެކެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށިގެން، 3 ހަފްތާއަށް ދެމިގެންދާ މި ރެލީގައި ރާއްޖޭގެ އުތުރުގެ ރަށްތަކުން ހއ. އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.



މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތައް ތާރީޚީ ބިނާތަކާއި، ދިވެހިންގެ އަމާންއޮމާން އެކުވެރި ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރިވެތި ކަނޑުއަޑީގެ މަންޒަރު ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ޤަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުން، ބައިވެރިންނަށް ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ރީތިކަމާއި ސާދާ ދިރިއުޅުން އަދި ތާރީޚާއި ސަޤާފަތް ދައްކުވައިދޭނެ ގޮތަކަށެވެ.

މި ޔޮޓް ރެލީ ހާއްސަ ކުރެވިފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ދިރިއުޅުއްވުމާއި، އެމަނިކުފާނުގެ ޖިހާދާއި ގުޅުންހުރި ކަންތައްތަކަށެވެ. މިދަތުރަށް "ސަވާދީއްތަ ދަތުރު" ގެ ނަން ދެވިފައިވަނީ އެ މަހާރަދުންގެ ނަންފުޅާއި ގުޅުވައިގެންނެވެ.

ޔޮޓް ރެލީ އިފްތިތާހުކުރުމަށް ދާރުލްއާސާރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ވަނީ ރާއްޖޭގެ ޓޫރިޒަމް ސިންދަފާތުކުރުމުގެ މުހިންމުކަމާއި ކޮމިއުނިޓީ ޓޫރިޒަމް ކުރިއެރުވުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފައެވެ.

މިދަތުރުގެ ރަސްމީ ވެބްސައިޓު ލޯންޗުކޮށްދެއްވާ، ހަފްލާގެ ޝަރަފުވެރިކޮށްދެއްވީ ވޮޔާޖެސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ކޯ ފައުންޑަރ ސަލާހް ޝިހާބެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ ޤައުމެއްގައި ސަފާރީ ޓޫރިޒަމްގެ މުހިއްމުކަން ފާހަގަ ކުރައްވައި، އަދި ދިވެހިންގެ ސާދާ ދިރިއުޅުމާއި ޘަޤާފަތް އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކޮށްލުމަށް ލިބިގެންދާ ނުހަނު ރަނގަޅު ފުރުސަތެއް ކަމުގައި ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ މުޝީރް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާޙިމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އައްބާސް އިބްރާޙިމްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ބެލެހެއްޓުމާއި ދިވެހިރާއްޖެއަށް ހެރިޓޭޖް ޓޫރިޒަމްގެ މުހިންމު ކަމަށް އަލި އަޅުވާލެއްވިއެވެ. އަދި މިފަދަ މަސައްކަތެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވާތީ، އެމްއައިޓީޑީސީއަށް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުޙައްމަދު ވަނީ ސަވާދީއްތަ ދަތުރުގެ ޕްރޮމޯ ލަވަ އިފްތިތާހްކޮށްދެއްވާފައެވެ. އަދި ތޮއްޔިބް ދެއްކެވި ވާހަކައިގައި ވިދާޅުވީ، މިއީ އައު ގޮތްތަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ލިބިފައިވާ ނުހަނު މުހިއްމު ފުރުޞަތެއްކަމަށާއި، އެމްއެމްޕީއާރުސީއަށް ދިވެހިރާއްޖެ އިސްތިހާރުކުރުމުގެ ޒިންމާ އޮތް ސަރުކާރުގެ ކުންފުނިކަމަށްވެފައި، މި މުހިއްމު މަސައްކަތުގައި އެމްއައިޓީޑީސީއަށް އެމްއެމްޕީއާރްސީގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމަށާއި، މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.

މި ހަފްލާގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް އަދި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ ދީދީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސްބޭފުޅުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެލައްވާ އެކިއެކި ބޭފުޅުން ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން