ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 184.1 މިލިއަން ރުފިޔާ ހަމަޖެއްސުމަށް ކޮމިޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ގޮތުގައި 184.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ. މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓަކީ 184.1 މިލިއަން ރުފިޔާ ކަމަށް ކޮމިޓީގައި އެވަގުތު ތިއްބެވި ހުރިހާ މެންބަރުން އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފައެެވެ. މަޖިލީހުގެ ބަޖެޓާއި ގުޅޭގޮތުން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މީޑިޔާއަށް ސިއްރު ކޮށްގެންކަން ފާހަގަކޮށްލެވެއެވެެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 177.8 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓަށްވުރެ އަންނަ އަހަރަށް ލަފާކޮށް ކޮމިޓީން ފާސްކޮށްފައިވާ މަޖިލީހުގެ ބަޖެޓު 6.3 މިލިއަން ރުފިޔާ އިތުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ގާނޫނުއަސާސީގައި މަޖިލީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ބަޖެޓު އެކުލަވާލުމަށްފަހު ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން އާންމު ކޮމިޓީން ބަޖެޓުގެ އަދަދު ފާސްކުރަންޖެހެއެވެ. މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި ފާސްކުރާ ބަޖެޓުގައިވާ ފައިސާ، އެއްވެސް އުނިކުރުމެެއް ނެތި މަޖިލީހަށް ދޫކުރަންވާނެ ކަމަށްވެސް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެެ. އަންނަ އޮކްޓޫބަރު މަހުގެ 31 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މަޖެޓު ހުށައެޅުމަށް ވަނީ ނިންމާފައެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 34.8 ބިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން