ރާއްޖެއަށް ޕާޓީ ނިޒާމް އައިފަހުން ވެރިކަން ކޮށްފައިވާ ރައީސުންގެ ތެރެއިން ރަސްމީ ދަތުރުފުޅުތަކުގައި ޕާޓީގެ މެމްބަރުންނާއި ބައްދަލު ނުކުރައްވާ ވެރިއެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާތީ އެކަމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ ރައީސް ސާލިޙުގެ ރަސްމީ ދަތުރުފުޅުތަކުގައި އެކިއެކި ފަރާތްތަކުގެ އެދިވަޑައިގެންނެވުމަށް އެމަނިކުފާނު އެފަރާތްތަކާއި ބައްދަލުކުރައްވާކަމަށެވެ. އެގޮތުން އަމިއްލަ ފަރާތްތަކާއި، ޓީޗަރުންނާއި ވިޔަފާރިވެރިން ފަދަ ބޭފުޅުންނާވެސް އެމަނިކުފާނަށް ވީވަރަކުން ވަގުތު ދެއްވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމަ އެމޭރުމުން ދަތުރުފުޅުކުރައްވާ ރަށްތަކުގެ އެމްޑީޕީގެ މެމްބަރުންވެސް ރައީސާ ބައްދަލުކުރައްވަން އެދޭ ކަމަށާއި އެކަމަށްވެސް އެމަނިކުފާނު ވަގުތު ދެއްވާކަމަށް މަބުރޫމް ވިދާޅުވިއެވެ.

"ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތައް ހިންގޭނެކަން ކަށަވަރު ކުރުމަށާއި ކޮވިޑް-19 ގެ ތެރޭގައި ހިނގަމުން ދިޔަ ޕްރޮޖެކްޓުތަކުގެ ތެރެއިން މަޑުޖެހިފައި ހުރި ޕްރޮޖެކްޓުތަކަކީ ކޮބައިތޯ، އަދި މަޑުޖެހިފައި ހުރީ ކީއްވެތޯ އަދި އެކަންކަން އަވަސް ކުރައްވަން ކުރެވެނީ ކީއްތޯ ބައްލަވަން ކުރައްވާ ދަތުރުފުޅުތަކެއް." ތަރުޖަމާން ވިދާޅުވިއެވެ. 

މަބުރޫކް ވިދާޅުވީ، ރަސްމީ ދަތުރުފުޅުތަކުގައި ސަރުކާރުގެ ރަސްމީ މަސައްކަތުގައި ރައީސް ކޮންމެ ދުވަހަކު ވެސް 12 ގަޑިއިރާއި 13 ގަޑިއިރު ހޭދަކުރައްވާ ކަމަަށެވެ. އޭގެ ތެރެއިން އެހެން ކަންކަމުގައި ހޭދަ ކުރައްވަނީ އެންމެ ގަޑިއެއްހާއިރު ކަމަށާއި އެހެން ކަމުން ޖުމްލަ ގޮތެއްގައި މައްސަލައެއް ކަމަކަށް ފެނިވަޑައި ނުގަންނަވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ރައީސް ޔާމީން އަދި ރައީސް ވަހީދު ރަސްމީ ދަތުރުފުޅުތަކުގައި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމުން މިހާރު ވެރިކަންކުރާ އެމްޑީޕީން އޭރު އެކަމަށް ހަޖޫޖަހައި، އެއީ ދައުލަތުގެ މުދަލާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބުނެ އެޕާޓީން ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން