މާލެތެރޭގައި ސަލާމަތީ ބާރުގެ ދެ ސިފައިން ހަތިޔާރާއެކު؛ ބައެއް ހާލަތުތަކުގައި ސިފައިން މާލެތެރޭގައި ހަތިޔާރާއެކު ފޯރިމަރަމުން ގެންދޭ (ރަސް ފޮޓޯ- ޝާހް)
މާލެތެރޭގައި ސަލާމަތީ ބާރުގެ ދެ ސިފައިން ހަތިޔާރާއެކު؛ ބައެއް ހާލަތުތަކުގައި ސިފައިން މާލެތެރޭގައި ހަތިޔާރާއެކު ފޯރިމަރަމުން ގެންދޭ (ރަސް ފޮޓޯ- ޝާހް)
މި ނާޒުކު ވަގުތުގައިވެސް ގައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، މި ހާލަތުގައި ގައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި މި ހާލަތުގައި ގައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

"މި ދަނޑިވަޅުގައި އެއްވެސް ފިކުރެއްގައި އެއީ ދީނާ ދެކޮޅު ފިކުރެއްގައި ވިޔަސް ދީނާ އެއްކޮޅު ފިކުރެއްގައި ކަމުގައި ވިޔަސް ރައްޔިތުންނަށް އިތުރު ނާމާން ކަމާއި ނާޒުކުކަމެއް އަންނަ މަސައްކަތް ނުކުރައްވާށޭ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ، ގައުމު ހަލަބޮލިކުރުމުގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް ހަރުކަށި ފިކުރުގެ މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މީގެ ކުރިންވެސް އަދި މިހާރުވެސް އެފަދަ އަމަލުތައް ކުރަނީ ހަމަ އެއްފަރާތްތަކަކުން ކަމުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތަކަކީ ގައުމަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ދަނީ ގައުމު ހަލަބޮލިކުރުމަށް ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންދެމުން ކަމަށް ވިދާޅުވިއެވެ.

"ހަރުކަށި ފިކުރުގެ ވާހަކަ އަޅުގަނޑުމެންނަށް މި ދެކެވެނީ، އެފަދަ ބައެއް ފަރާތްތަކުން ސީދާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ މަސައްކަތްތައް އެކި ފަހަރު މަތިން ކުރަމުން މިދޭތެރެއިންވެސް ކޮންމެވެސް ވަރަކަށް އަދި މިހާރުވެސް ކުރަމުންދާކަން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެފަދަ ފަރާތްތަކަށް ކުށްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެކަންކަން ފުލުހުން ވަރަށް ރަނގަޅަށް މޮނީޓާކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ، ވަރަށް ނުރައްކާތެރި ކަމަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔަކު ދިވެހި ފުލުހުން މިދިޔަ ހަފުތާގައިވެސް ހުއްޓުވާފައިިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެކަމުގެ ތަފްސީލު މިނިސްޓަރ ނުދެއްވައެވެ.

މީގެ ކުރިން ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ، މިފަހުން ރާއްޖޭގައި ހިނގި ގިނަ އަލިފާނުގެ ހާދިސާތަކަކީ ހަރުކަށިފިކުރުގެ މީހުން އަޑީގައި ތިބެގެން ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ބައެއް ކުށްވެރީންގެ ފައިގައި ޓެގް އަޅުވައި މިހާރު ދަނީ މޮނީޓާވެސް ކުރެވެމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މިވަގުތު މުޅި ގައުމުގެ ފޯކަސް އޮތީ ކޯވިޑް-19 އަށް ހުއްޓިފައި ކަމަށާއި، ނަމަވެސް ހާލަތުގެ ނާޖާއިޒް ފައިދާ ނަގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން