އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރައްވާނީ ބަރުލަމާނީއާ ދެކޮޅު ކެންޑިޑޭޓުންނަށް ކަމަށް އެޕާޓީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ރައީސް ނަޝީދު ފެކްޝަނަށް ތާއިދު ކުރާ ބައެއް މެމްބަރުން ވަނީ ފަށާފައެެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރައްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އޭނާ ތާއީދު ކުރަށްވާނީ ބަރުލަމާނީއާއި ދެކޮޅު ހަދާ ކެންޑިޑޭޓުންނަށް ކަމަށެވެ.



ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމަށް ބާރު އަޅައި ރައީސް ނަޝީދު ވާހަކަ ދެެއްކެވި ނަމަވެސް މިހާތަނަށް ބަލާއިރު ރައީސަށް ހުށައަޅާ ބަރުލަމާނީ ޕެޓިޝަނަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެެވެ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރައްވާފައިވަނީ އެންމެ 13 މެމްބަރުންނެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

މި ޕެޓިޝަނާއި ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ރައީސް ނަޝީދަށާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން