ރާއްޖެއަށް ހެއު އެދޭ ބަޔަކު ދައުލަތުން 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިޒާމީ ވޯޓް ނަގަން އުޅެފާނެތޯއޭ ވިދާޅުވެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު އުފައްދަވައިފިއެެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަދި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވެ ސުވާލު އުފެއްދެވީ، އެމްޑީޕީގެ ރައީސް، މުހަންމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ބަރުލަމާނީ ނިޒާމް ގެނައުމަށް ގޮވާލާ ރައީސް ސާލިހަށް ޕެޓިޝަނެއް ހުށައެޅުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެެވެ.

އިބްރާހިމް ޝަރީފް ވިދާޅުވީ ނިޒާމީ ވޯޓުގެ ކެމްޕެއިނަށް 100 އެތަށް މިލިއަން ރުފިޔާ އެއް ޚަރަދުވާނެ ކަމަށެވެ.





އޭގެއިތުރުން ދައުލަތުގެ ބަޖެޓުން އެފަދަ ވޯޓެއް ނެގުމަށް 150 މިލިއަން ރުފިޔާ މި ދަނޑިވަޅުގައި ޚަރަދުކުރުން އެއީ މިވަގުތަށް ކުރަން ހެއުވާވަރުގެ ކަމެއްތޯ ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިހާރު ވެސް ސަރުކާރުން 300 މިލިއަން ރުފިޔާގެ ސުކޫކެއް 10 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމުގެ އިގްތިސާދު ފުންވަޅުގަނޑެއްގެ ތެރޭގައި އޮއްވާ، އަދި ސިއްހީ ދާއިރާ ބޮޑު ކާރިސާއަކުން އަރައިނުގަނެވި ހިންދެމިނުލެވި އޮއްވާ، ރައްޔިތުން އަތާއި އަނގަޔާއި ދިމާނުވެ ތިއްބާ، ގައުމަށް ހެއު އެދޭބަޔަކު ދައުލަތުން 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިޒާމީ ވޯޓް ނަގަން އުޅެފާނެބާ؟" ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު ކަންވެސް ކުރެއްވި ޝަރީފް ވިދާޅުވިއެެވެ.

ބަރުލަމާނީ ނިޒާމް ގާއިމް ކުރުމަށް ގޮވާލަ ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތުގައި ހަރަކާތްތެރިވާތަން އަދި ފެންނަނީ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީގެ މަދު މެންބަރުންތަކެކެެވެ. ރައީސް ނަޝީދު މީގެ ކުރިން ވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެކަން ރައީސަށް ވެސް ހުށައަޅުއްވާފައެވެ.

އެހެން ނަމަވެސް ރައީސް ސާލިޙު ރައީސް ނަޝީދުގެ އެ ހުށައެޅުން ގަބޫލުފުޅެއް ނުކުރެއްވިއެެވެ. ރައީސް ސާލިޙު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވެެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

މިހާތަނަށް ބަލާއިރު ރައީސަށް ހުށައަޅާ ބަރުލަމާނީ ޕެޓިޝަނަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެެވެ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރައްވާފައިވަނީ އެންމެ 13 ވަރަކަށް މެމްބަރުންނެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގި ވޯޓެއްގައި ރައްޔިތުން ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން