ބޮޑުވަޒީރުކަން ލިބިވަޑައިނުގެންފި ނަމަ ރާއްޖޭގެ ރަސްކަން ހޯދަން މަސައްކަތްކުރަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޫސާ މަނިކު ފާޑު ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރަށްވައި ނިޒާމީ ވޯޓެއް ނެގުމާއި ގުޅޭ މަސައްކަތްތަކެއް ރައީސް ނަޝީދުގެ އިސްކޮށް ހުންނަވައިގެން ފަށާފައިވާ ދަނޑިވަޅެއްގައެވެ.



ރައީސް ނަޝީދުގެ މިމަސައްކަތަށް އަމާޒުކުރަށްވައި ރީކޯ މޫސަ ވިދާޅުވީ ‏ރިޔާސީ ނިޒާމުން ވެރިކަންކޮށްފައި، އެކަމުންވެސް އަރައިނުގަނެވުނުކަމަށެވެ. އަދި ކޯލިޝަން ހަދައިގެން ވެރިކަން ލިބުމުން އެކަމަށްވެސް އިޙްތިރާމްކޮށްފައި ނުވާކަމަށް ރީކޯ މޫސަ ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ގިނަޕާޓީތައް އެކުވެގެން މަޖްލިސް ތެރެއިން ބަރުލަމާނީ ނިޒާމް ހިންގާނެގޮތެއް އެނގިވަޑައި ނުގަންނަވާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ. އަދި ބޮޑުވަޒީރުކަން ލިބިވަޑައިނުގެންފިނަމަ ރަސްކަން ލިބޭ ޕެޓިޝަނެއްގައިވެސް ސޮއިކުރަން މޫސަ ގޮވާލެއްވިއެވެ.



ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ގޮވާލައި ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތުގައި ހަރަކާތްތެރިވާތަން އަދި ފެންނަނީ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީގެ މަދު މެންބަރުންތަކެކެެވެ. ރައީސް ނަޝީދު މީގެ ކުރިން ވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެކަން ރައީސަށް ވެސް ހުށައަޅުއްވާފައެވެ.

އެހެން ނަމަވެސް ރައީސް ސާލިޙު ރައީސް ނަޝީދުގެ އެ ހުށައެޅުން ގަބޫލުފުޅެއް ނުކުރަށްވައެވެ. ރައީސް ސާލިޙު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވެެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

މިހާތަނަށް ބަލާއިރު ރައީސަށް ހުށައަޅާ ބަރުލަމާނީ ޕެޓިޝަނަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެެވެ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރައްވާފައިވަނީ އެންމެ 13 ވަރަކަށް މެމްބަރުންނެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން