ހޯމް މިނިސްޓަރ އިިމްރާން ޢަބްދުﷲ
ހޯމް މިނިސްޓަރ އިިމްރާން ޢަބްދުﷲ
ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސަރުކާރަށް ތަޢުރީފުކުރައްވާފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރުޒަމް މިނިސްޓަރ އަލީ ވަހީދާއި ހޯމް މިނިސްޓަރ އިމްރާން ޢަބްދﷲ މިއަދު ބައިވެރިވެ ވަޑައިގެން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ކޯވިޑް-19 ގެ މިކާރިސާއާ ސަރުކާރުން ކުރިމަތިލާފައިވަނީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށެވެ. އަދި އެކަމަށް އިދިކޮޅު ލީޑަރުންވެސް ތަޢުރީފު ކުރެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް ތާއީދު ކުރައްވާ ވާހަކަދެއްކެވި އިދިކޮޅު ލީޑަރުގެ ނަން އިމްރާން ވިދާޅުނުވުމުން އެ ސުވާލު ތަކުރާރުކޮށް ނޫސްވެރިން ކުރަން ފެށުމުން މިނިސްޓަރ އަލީ ވަހީދު ވަނީ، އެއީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރ އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ދަންނަވާލަފާނަން ނަމާ އެއްކޮށް. އަޅުގަނޑުމެން އަބްދުއްރަހީމުގެ އާއިލާ ވަޑައިގަތީމަ ވެސް ބެހެއްޓީ އެންމެ ރަނގަޅު ފެސިލިޓީގައި. އަދި އެކަމަށް ގުޅައި ޝުކުރު ވެސް އަދާކުރެއްވި. އަދި ވިދާޅުވި ތިމަންނަމެން ގަބޫލުކުރާ ގޮތުގައި ގުޅާލާއިރަށް ފޯނުވެސް ނަގައޭ. ތިމަންނަމެން ވަރަށް ހިތްހަމަޖެހެއޭ. އެހެންވީމަ ނަމެއް ބޭނުންވަންޏާ މި ދަންނަވާލީ." މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު މިނިސްޓަރ އިމްރާން ވިދާޅުވީ، މި މަސައްކަތް ކުރަމުން އަންނަނީ ކޮންމެ ދާއިރާއެއްގެވެސް ތަޖުރިބާކާރުން ދެއްވާ ލަފަޔާއި އިރުޝާދާއެކު ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަން އިދިކޮޅު ޕާޓީތަކާއި އިދިކޮޅު މެންބަރުން ވެސް ބަލައިގަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން އެފަަދަ ބޮޑު ނިންމުމެއް ނިންމި ދުވަހަކު އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ އެންމެ އިސް ލީޑަރަކު ގުޅުއްވައި އެ ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި އަދި ސަރުކާރުން މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުންތަކަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމުގައި އިމްރާން ވިދާޅުވިއެވެ.

އެބޭފުޅެއް އެވާހަކަ ވިދާޅުވީ ސިއްރުން ކަމަށްވެފައި އަދި އެބޭފުޅަކު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެތީވެ ކަމުގައި ވިދާޅުވެ މިނިސްޓަރ އިމްރާނަށް ގުޅުއްވި ސިޔާސީ ލީޑަރުގެ ނަމެއް ވިދާޅުވެފައެއް ނުވެއެވެ.

އިމްރާން ވަނީ މީޑިޔާގައި ތަފާތު ވާހަކައެއް ދެއްކެވި ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިދިކޮޅުން ވެސް ބަލައިގަންނަ ކަމުގައި ވިދާޅުވެފައެވެ.

"އިދިކޮޅުން ހަމަ ބަލައިގަނޭ. އިދިކޮޅު ޕާޓީތަކުން، އިދިކޮޅު ޕާޓީތަކުގެ އިސްކޮށް ތިއްބަވާ ބޭފުޅުން ބަލައިގަނޭ. ބައެއް ފަހަރު މީޑިޔާގައި ދައްކަވާފާނެ އެހެން ވާހަކައެއް. އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާ ސަރުކާރުން މިކަން މިކުރަނީ ސިޔާސީ ވިސްނުންތަކެއް ނެތި ވަރަށް ބޮޑަށް ޕްރޮފެޝަނަލިޒަމަށް ބަލައިގެން މަޝްވަރާގެ ރިވެތި އުސޫލުންކަން." އިމްރާން ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި މިއީ ގައުމީ ބޮޑު ހިދުމަތެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މިއަދު މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މި ވަގުތަކީ ސިޔާސީ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި މިވަގުތަކީ ގައުމީ ކާރިސާއެއް އޮތް ވަގުތެއް ކަމަށެވެ. އެހެންކަމުން ސަރުކާރު މިވަގުތު އޮތީ ސިޔާސީ ވާހަކަދައްކާ ހާލަތެއްގައި ނޫން ކަމަށާއި ސިޔާސީ ވާހަކަދައްކާނީ ކެމްޕެއިން ދުވަސްވަރުގައި ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން