ފުލުހުންނަށް ލިބޭ ތަމްރީންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

މިނިސްޓަރ އިމްރާން މިކަމަށް ގޮވާލެއްވީ އިންޑިއާގެ ހައިދަރު އާބާދުގައި ކުރިއަށް ގެންދިޔަ އައިޕީއެސް ޕްރޮބޭޝަނަރސް ކޯސް ފުރިހަމަ ކުރި ދިވެހި ފުލުހުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކައިގައެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކައިގައި، ކޯސް ފުރިހަމަކުރި ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ކޯހުން ލިބުނު ތަމްރީނުތަކުގެ ބޭނުން މަސައްކަތުގެ މައިދާނުގައި ހެޔޮގޮތުގައި ހިފައި ގައުމަށް ހިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކައިގައި، އައިޕީއެސް ޕްރޮބޭޝަނަރސް ކޯސް ފުރިހަމަ ކުރި ފުލުހުންނަށް މަރުހަބާ ދަންނަވައި ކޯސް ފުރިހަމަ ކުރުމަށް އެ މުވައްޒަފުންކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޯހުން ލިބުނު ތަމްރީނުތަކާއި ތަޖުރިބާގެ އަލީގައި ފުލުހުންގެ ހިދުމަތް މިހާރަށްވުރެ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތްކުރުމަށާއި ގައުމަށާއި ރައްޔިތުންނަށް ހިދުމަތްކުރުމުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެނެވިއެވެ.

2018 ޑިސެމްބަރ 17 އިން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގެ 71 ވަނަ ބެޗުގައި ބައިވެރިވި ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ރުޤިއްޔާ ސިމާއާއި އިންސްޕެކްޓަރ އޮފް ޕޮލިސް މަރްޔަމް ރަޝީދާގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ޑޮކްޓަރ ހަސަން ޢުމަރާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ވަސީމެވެ.

2019 ޑިސެމްބަރ 16 އިން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގެ 72 ވަނަ ބެޗުގައި ބައިވެރިވި ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްލަޠީފް މުޙައްމަދާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުލްޢަޒީޒްގެ އިތުރުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނާޡިމާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

އައިޕީއެސް ޕްރޮބޭޝަނަރސް ކޯހަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި، ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ. ކޯސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށެވެ. އެގޮތުން ފިޒިކަލް ޓްރެއިނިންގއާއި ވެޕަން ޓްރެއިނިންގެ އިތުރުންވެސް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންނަށް ދަނީ ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން