މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފިނަަމަ ބޭރުގެ އަސްކަރިއްޔާއިން ރާއްޖެއަރައި އަފްޣާނިސްތާނަށް ހެދި ގޮތަށް ރާއްޖެއަށް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލަށް މިއަދު ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އަފްޣާނިސްތާނުގެ ހާލަތަށް ރާއްޖެ ދިއުމުގެ ކުރިން މައްސަލައިގެ އަސްލު ފުންމިނަށް އަޅުގަނޑުމެން ވާސިލްވާންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މީހުން ބިރުވެރިކަމަށް ހުށައެޅިފައިވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ލާދީނީ ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ދެކޮޅު ނުޖެހޭތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގައި ޖެހިފައި ތިބި ބައެއް މީހުން ސަރުކާރުގެ އިސް މުއައްސަސާތަކުގައި މިހާރު ތިބިކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުގައި ތިބެގެން މިހާރު ކުރަމުންދާ ކަންތައްތަކުގެ މައުލޫމާތު ސަރުކާރުގައި ނެތުމަކީ ސަރުކާރުގެ "ފެއިލިޔާ" އެއް ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހަރުކަށި ފިކުރާހެދި ވަޒީފާ ނުދިން ބައެއް މީހުން މިހާރު އެތިބީ ޖީލުތައް ހަލާކުކޮށްލެވޭ މަގާމުތަކުގައި." ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން އަޅާނުލައި ތިބުމުން ދެން ކަންތައްތައް ދިމާވެދާނެ ގޮތްތަކާމެދު ވިސްނާ ފިކުރުކުރަންޖެހޭ ކަމަށެވެ.

"ދިވެހި ރާއްޖޭގައި ބޮޑެތި ގަތުލް އާންމުތައް ހިންގާނެ ކަމުގެ ބިރުވެރިކަން އުފެދުނީމަ ބޭރުގެ އަސްކަރިއްޔާ އަކުން މިތަނަށް އަރައި އަފްޣާނިސްތާނަށް ހެދިގޮތް ހަދާނީ. ސަރުކާރުން އެބަޖެހޭ ފިސާރި އަޒުމާ އެކީގައި މިހުރި މައްސަލަތަކުގެ މައްޗަށް ރިއާޔަތްކޮށްފައި ރައީސް ނަޝީދަށް ވެސް ރާއްޖެ ވަޑައިގެންނެވޭނެ ކަމާއި އެމަނިކުފާނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން، އާންމު ފަރުދުންނަށް ވެސް ރައްކާތެރިކަން އޮންނާނެ ކަން ސަރުކާރުން ކަށަވަރު ކޮށްދޭންޖެހޭ. އެހެން ނޫނީ ސަރުކާރެއް ހިންގުމުގެ ބޭނުމެއް ނެތް ރައްޔިތުންގެ ލާރި ޚަރަދުކޮށްގެން." އާދަމް ޝަރީފް އުމަރު ވިދާޅުވިއެެވެ.



އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދީން ގަބޫލުނުކުރުމުގެ މައްސަލަތަކާމެދު ފުންކޮށް ވިސްނައި ރާއްޖޭގެ އާދަކާދައާ ސަގާފަތާއި މީހުން އުޅޭ ގޮތަށް ވިސްނައިގެން ހިކުމަތްތެރިގޮތަކަށް މަސައްކަތް ނުކޮށްފިނަަމަ އެފަދަ މައްސަލަތައް ހައްލު ނުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން