އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ނަޝީދު "ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނަން" ކަމަށް ބުނެ އިންޒާރު ދިން 40 އަހަރުގެ ފިރިހެނެއް ރ. މީދޫއިން ހައްޔަރުކުރީ އިއްޔެއެވެ. އޭނާ 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ، އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެނެވެ. ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާ 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އޭނާގެ ބަންދުގެ މުއްދަތަށްވެސް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަަހަށް ޖަލަށްލިއިރު، ކޯޓުގެ ހުރުމަތް ކެނޑުމަށް އޭނާ ކުރިކަމެއް ފުލުހުންވެސް ކޯޓުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދު ކުރަށްވާނީ ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރާ ފަރާތްތަކަށް ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ހިއްސާކުރަށްވާފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް މީހަކު އިންޒާރު ދިން މައްސަލައެއް ފެންމަތިވީ އާދީއްތަދުވަހުއެވެ.

އައިސިސްގެ ދިދަ އާއި ކަނޑިއަކާއެކު އެ ކޮމެންޓު ކުރި މީހާ ވަނީ ރައީސް ނަޝީދު "ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނަށް" ގެންނަން ބުނެފައެވެ. އަދި ހައެއް މެއި ގައި ކަންވީގޮތަށްވުރެ، ދެން ކުރިމަތިވާ ކަންތައް ހިތިވާނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން