އެފްސީ ޒެފިއަރ އިން މިއަދު އައްޑޫ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ ޞިއްޙީ ސާމާނު ހަދިޔާކޮށް ތަފާތު ދައްކައިފި އެވެ.

އައްޑޫސިޓީގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ އެފްސީ ޒެފިއަރ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ބަލިމަޑުކަމާއި ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި އެހީވެދިނުމަކީ މި ވަގުތު ކޮންމެ ފަރުދަކަށްވެސް ކޮށްދެވޭނެ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އެގޮތުން އައްޑޫސިޓީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގެ ބޭފުޅުން ކުރަށްވާ މަސައްކަތަށް އެޓީމުން ވަނީ ހިތްވަރުދީފައެވެ.

އަދި މިއަދު ހަދިޔާހުރި ތަކެއްޗަކީ އެފްސީ ޒެފިއަރ އަށް ނިސްބަތްވާ ކުދި ބޮޑު އެންމެންވެސް ހިއްސާވާގޮތަށް ކޮށްފައިވާ ހަދިޔާއެއް ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައިވެސް އެ ކްލަބުން ތިބޭނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އެފްސީ ޒެފިއަރ އިން މިއަދު އައްޑޫ ސިޓީ ކައުންސިލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 500 ފޭސް މާސްކާއި، 2000 އަންގި އާއި، 500 އެމްއެލްގެ 35 ފުޅި ހޭންޑް ސެނިޓައިޒާ އާއި 480 އެމްއެލްގެ 05 ފުޅި ހޭންޑް ސެނިޓައިޒާ ހިމެނެއެވެ. މީގެ އިތުރުންވެސް 60 އެމްއެލްގެ 10 ފުޅި ހޭންޑް ސެނިޓައިޒާ އާއި 500 އެމްއެލްގެ 05 ފުޅި ޑިސްއިންފެކްޓެންޓް އަދި 86 އަތް ދޮންނަ ދިޔާ ސައިބޯނި ފުޅިވެސް އެ ކްލަބުން ވަނީ އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ހަދިޔާކޮށްފައެވެ.

އެފްސީ ޒެފިއަރ އިން އައްޑޫ އީއޯސީ އަށް ބައެއް ޞިއްޙީ ސާމާނު ހަދިޔާކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވެސް މިއަދު ބުނެފައި ވެއެވެ. އަދި މިދަނޑިވަޅުގައި އެފްސީ ޒެފިއަރ އިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެ ކްލަބަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެފްސީ ޒެޕިއަރގެ ނައިބު ރައީސް ޝިނާޒް މިރޭ ރަސް އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކްލަބަށް ނިސްބަތްވާ ފަރާތްތަކުން އަމިއްލައަށް ފަންޑު ހޯދައިގެން މިފަދަ އިތުރު ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވިސްނަމުންދާ ކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯ ލަނބައިގެން ކެތްތެރިކަމާއެކު ގޭގައި ތިއްބެވުމަށް އެ ކްލަބުން ވަނީ ނަޞޭޙަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން