ސަރުކާރުން އެއްވެސް ފަރާތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެފައިނުވާކަމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާ ކުރުން ހުއްޓުވުމުގެ ބިލުގެ ބަހުސްގައި ވާޙަކަފުޅުދައްކަވަމުންނެވެ.

ގާސިމްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުއްވިކަމަށްޓަކައި ރައީސް ޞާލިހަށް ޝުކުރު އަދާކުރަށްވާފައެވެ.

ގާސިމް މިއަދު ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި، ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން ވަނީ ރައީސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްނުކުރާކަމަށް ވިދާޅުވެފައެވެ.

އިދިކޮޅުގެ ވާހަކަަތަކަށް ރައްދުދެއްވައި، ސަރުކާރު ދިފާއުކުރައްވާ ގާސިމް ވިދާޅުވީ ސަރުކާރުގެ ކުށް ދައްކައި، ސަރުކާރަށް ނުކުރެވޭ ކަންކަން ދެއްކުމަށް އިދިކޮޅުން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. ނަމަވެސް ސަރުކާރުން އެއްވެސް މީހަކަށް ހިމާުޔަތްދިނުމުގައި އިހުމާލުވެފައިވާކަމަށް ދެކެވަޑައިނުގަންނަވާކަމަށް ގާސިމް ވިދާޅުވިއެވެ.

"ސަރުކާރުގެ ކުށް ދައްކައި ވާހަކަ ދައްކާނެ. މަޖިލީހުގެ ރައީސަށް ސަރުކާރުން އިނާޔަތް ދީފައިވަނީ ވަރަށް މަތީދަރަޖައަކަށް. އެމަނިކުފާނަށް ދިން ހަމަލާ ހަރުއަޑުން ކުށްވެރިކުރަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން ދިވެހި ސަރުކާރުން ހިމާޔަތްދޭންޖެހޭ ފަރާތްތަކަށް ހިމާޔަތް ނުދެވިގެން އިހުމާލު ކުރެވިގެންދާކަމަށް." ޤާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކަފުޅުގައި މި ސަރުކާރުން ރައީސް ނަޝީދަށް އެންމެ މަތީ ދަރަޖައިގެ ހިމާޔަތް ދެމުންދާ ކަމަށާއި އަދި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހަމަލާއަށް ފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވާއިރުވެސް ދައުލަތުން ބޮޑު ހަރަދުކޮށް އެމްއެންޑީއެފުން އެމަނިކުފާނަށް ފުރިހަމަ ސެކިއުރިޓީ ދެމުންދާކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން