އަހުމަދު ޝާހް   25 އޯގަސްޓު 2021 - 4:21
ޗިޅިޔާ މޫސާ މަނިކަށް ޝަރަފްވެރިކަމުގެ ޤައުމީ އިނާމު އެރުވުމުގެ ތެރެއިން
ޗިޅިޔާ މޫސާ މަނިކަށް ޝަރަފްވެރިކަމުގެ ޤައުމީ އިނާމު އެރުވުމުގެ ތެރެއިން
މުނިފޫހި ފިލުވުމުގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ.

ޢުމުރުފުޅުން 81 އަހަރުގައި ޗިޅިޔާ މޫސާ މަނިކު ނިޔާވެފައިވަނީ، ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިރޭގެ ވަގުތެއްގަ އެވެ. މޫސާ މަނިކު ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަވަހާރަވިއިރު، އަނބިކަނބަލުންނާއި 11 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ޗިޅިޔާ މޫސާ މަނިކަކީ ތަމްސީލު ކުޅުމުގެ ދާއިރާގައާއި، ދިވެހި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވުނު ފަންނާނެކެވެ. އޭގެއިތުރުން އޭނާއަކީ ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސް މެއެވެ.

ޗިޅިޔާ މޫސާ މަނިކަށް ދިވެހި ސަރުކާރުން ވަނީ ޕާފޯމިން އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލް ކުޅުމުގެ ރޮނގުން 2009 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމް އަރުވާފައެވެ. އަދި ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "މުޙައްމަދު ތަކުރުފާނު" ފިލްމުންނެވެ. ފިލްމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިފަހުން 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯއްދަވާފައިވެއެވެ. މިރޮނގުން އޭނާ އެންމެ ފަހުން ޙާޞިލު ކުރެއްވި ކާމިޔާބީއަކީ، "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން