ރިޔާސީ ނިޒާމެއްގައި ދައުރުގެ މެދުތެރެއިން އިންތިހާބެއް ނުބޭއްވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅުތަކެއްގެ ވީޑިއޯއެއް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު ހިއްސާކުރައްވައިފިއެވެ.

އެވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވަނީ ރިޔާސީ ނިޒާމެއްގައި މުއްދަތު ކަނޑައެޅިފައިވާ ދައުރެއް އޮންނަކަމަށާއި، އެއާއި ހިލާފަށް އަމަލުކުރުމަކީ އެމްޑީޕީން ކުރާނެކަމެއް ނޫންކަމަށެވެ. ބެލެވޭ ގޮތުގައި މިއީ އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަން ލިބުނު ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކެކެވެ.

"ރިޔާސީ ނިޒާމެއްގެ އެންމެ މުހިއްމު ސިފައަކީ ފިކްސްޑް ޓާރމެއް (މުއްދަތް ކަނޑައެޅިފައިވާ ދައުރެއް) އޮތުން. އެކަމަށް ބަދަލު ގެންނާކަށް އެއްވެސް އިރެއްގައިވެސް ވާހަކަދެކެވިފައެއް ނެތް. ރިޔާސީ ނިޒާމެއްގައި ދައުރު މެދުން އިންތިހާބެއް ނުބޭއްވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އޭރު އެހެން ވިދާޅުވިޔަސް، މިއަދު ފެންނަމުންދަނީ އެވާހަކަ ފުޅުތަކާއި މުޅިން ހިލާފަށް، ދައުރުގެ މެދުތެރެއިން ވެރިކަމުގެ ނިޒާމް ބަދަލުކޮށް، އިންތިހާބަކަށް ދާން އުޅޭ މަންޒަރެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ވަނީ ފައްޓަވާފައެވެ. މީގެއިތުރުން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި އޮތްކަމެއްކަމަށްވެސް ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ބުނަމުންނެވެ.



ރިޔާސީ ނިޒާމެއްގައި ދައުރުގެ މެދުތެރެއިން އިންތިހާބެއް ނުބޭއްވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅުތަކެއްގެ ވީޑިއޯ ޓްވިޓަރގައި ހިއްސާކުރައްވަމުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު، މޫކޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ކޯލިޝަން ހިފަހައްޓަވަނީ ބަރުލަމާނީ ނިޒާމެއްގައިވެސް ނުހިފެހެއްޓޭހާ ފުރިހަމައަށްކަމަށެވެ. އަދި އެއީ އިޚްލާޞްތެރިކަންކަމަށާއި އެއްވެސް ނިޒާމަކީ އިންސާނުން އިޚްލާޞްތެރި ނުވާހާ ހިނދަކު ރަނގަޅު ނިޒާމެއް ނޫންކަމަށް މޫކެ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި ޕާޓީގައި ދެ ފެކްޝަން އުފެދިފައިވާ އިރު، ރައީސް ސާލިހަށް ތާއީދުކުރައްވާ މޫކޭއަކީ ފާޅުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން