ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ތަހުގީގުތަކުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ މިހާރު އެބައޮތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހިީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މައްސަލައިގެ ތަޙްޤީޤު ބަޔާންނެގީ ގޯސްކޮށްކަމަށް ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް އެންގުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ޝަހީމް ވިދާޅުވީ ‏އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ ހުރިހާ ތަޙުޤީޤެއްގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވިފައިވާކަމަށެވެ. އަދި ކޮމިޝަންގެ ތަޙުޤީޤުތައް އިތުރަށް ތަޙުޤީޤުކުރަން ރައީސް އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް އޮންނަންޖެހޭނެކަމަށާއި، އެންމެނަށްވެސް އިންޞާފު ލިބެންވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.



"‏އެހެންވީމާ ތިޔަ ކޮމިޝަނުން ކޮށްފައިވާ ހުރިހާ ތަޙުޤީޤެއްގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ތިހުޅުވުނީ. ކޮމިޝަންގެ ތަޙުޤީޤުތައް އިތުރަށް ތަޙުޤީޤުކުރަން ރައީސް އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް އޮންނަންޖެހޭނެ. އެންމެނަށް ވެސް އިންޞާފު ލިބެންވާނެ." އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޝަރީޢަތްކޮށް ހުކުމް އިއްވާފައިވާ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކޮށްފައިވަނީ އިންސާފުން ނޫންކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ވަކާލާތު ކުރަށްވަމުން ގެންދަވަނާ ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މަހުލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ގާނޫނުތަކާއި ހިލާފަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ބިދޭސީންގެ ބަޔާން ނެގުމުގެ ކަންތައްތައް އިންތިޒާމު ކުރާނީ އެ މީހަކު ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދިގެން ކަމަށާއި، ނަމަވެސް މަޙްލޫފްގެ މައްސަލާގައި ހެކިބަސް ނެގުމުގައި އެކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ރައީސް އޮފީހުގެ ސިޓީގައި ވެއެވެ.

"ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ކަންޑައުޑާ އަރައްޗަންގީގެ ބަޔާން ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ތިޔަ ކޮމިޝަނުން އަމަލުކޮށްފައިވަނީ މިފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުގައިވާ ގޮތަށް ނޫންކަމަށް މިނިސްޓްރީގެ ނޯޓުގައި ބަޔާންކޮށްފައިވޭ." ރައީސް އޮފީހުގެ ސިޓީގައި ވެއެވެ.

މި ސިޓީއާ ގުޅިގެން ރައީސް އޮފީހުންނާއި، ރިޔާސީ ކޮމިޝަނުން ރަސްމީކޮށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން