ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތަށް 5 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް، ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5,000,000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވީނަމަވެސް، އެ މުއްދަތުގެތެރޭގައި ފައިސާ ދައްކާފައި ނުވާކަމަށެވެ.

އޭޖީ އޮފީހުން ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާއިން ޢަބްދުﷲ ޔާމީނަށް ފޮނުވި ނޯޓިސްއާ ޙަވާލުވިނަމަވެސް، އެ ނޯޓިސްގައިވާ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާކަމަށެވެ. އެހެންކަމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް 24 އޮގަސްޓް 2021ގައި ސިވިލް ކޯޓަށް ވާނީ ޙުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފައިކަމަށް އޭޖީ އޮފީހުން ބުނެފައި ވެއެވެ.

މި މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންކަމަށާއި އެ މާއްދާގައި ބުނެފައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އޭޖީ އޮފީހުން އެދިފައިވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން