ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފިއެެވެ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 09:00 އަށެވެ. އަލީ ވަހީދުގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފައިވާއިރު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އޭނާ މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ބުނީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް އެ އިދާރާއާއި އެއްވެސް ފަރާތަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ އަލީ ވަހީދު ހައްޔަރުކުރިކަން އެނގިފައިނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އަލީ ވަހީދު ހައްޔަރުކުރީ އޭނާއަށް ކުރާ ދައުވާތަކާ ބެހޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ބައިވެރިކޮށްގެން އޮންލައިންކޮށް މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވަމުންދަނިކޮށެވެ. އިނގިރޭސި ފުލުހުން އޭނާ ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަލީ ވަހީދުގެ ހުކުމް ތަންފީޒުކުރުމަށް އޭނާ މާލެ ގެނައުމަށްޓަކައި އިންޓަޕޮލްއާއި އިނގިރޭސި ފުލުހުންގެ އެހީއަށް ވެސް އެދޭނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުކޮށްފައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިން ފަހުން އޭނާ ރާއްޖެއަށް ވަޑައިގެންފައެއް ނުުވެއެވެ. އަލީ ވަހީދުގެ ޝަރީއަތްތަކާއި އެ ޝަރީއަތާ ގުޅޭ އިސްތިއުނާފުގެ މައްސަލަތައް ވެސް ހުއްޓިފައިވާއިރު އޭނާ މީގެ ކުރިން ވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް ބައިވެރިވެފައެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާއާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން