ޖިންސީ ގޯނާގެ ގިނަ ދައުވާތަކެެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރީ ސައްހަ އިޖުރާއަތުގެ ދަށުންކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް އޭނާ މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް މިކަން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް އެ އިދާރާއާއި އެއްވެސް ފަރާތަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ އަލީ ވަހީދު ހައްޔަރުކުރިކަން އެނގިފައިނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރީ ސައްހަ އިޖުރާއަތުގެ ދަށުންކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތަށް ވިދާޅުވާ ސަބަބު ހާމަކުރަށްވަމުން ހައިލަމް ވިދާޅުވީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރުން ހައްޔަރުކޮށްގެން ގެނައުމުން ދައުލަތުން އޭނާ ހައްޔަރުކުރީ އިޖުރާއަތާއި ޚިލާފަށް ކަމަށް ބުނެފައިވާ ކަމަށެވެ.



ހައިލަމްގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިޔާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަދީބު ހައްޔަރުކޮށް ދިވެހި ފުލުހުންނާއި ހަވާލުކުރި މައްސަލައަށެވެ. އަދީބު ހައްޔަރުކޮށްގެން ބަންދާ މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ދައުލަތުން ބުނެފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރީ އިޖުރާއަތާއި ޚިލާފަށް ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އަދީބު ހައްޔަރުކުރީ ރާއްޖޭގެ އިހްތިސާސް ހިގާ ސަރަހައްދުން ބޭރުން ކަމަށްވާތީ އެއީ އިޖުރާއަތާއި ޚިލާފު ހައްޔަރެއް ކަމަށް ކަނޑަަޅައި އޭނާ ވަގުތުން ބަންދުން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އަދީބު ފަހުން ހައްޔަރުކުރީ ކްރިމިނަލް ކޯޓުން ނެރުނު އާ އަމުރެއްގެ ދަށުންނެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެެވެ. އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 09:00 އަށެވެ. އިނގިރޭސި ފުލުހުން އޭނާ ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަލީ ވަހީދުގެ ހުކުމް ތަންފީޒުކުރުމަށް އޭނާ މާލެ ގެނައުމަށްޓަކައި އިންޓަޕޮލްއާއި އިނގިރޭސި ފުލުހުންގެ އެހީއަށް ވެސް އެދޭނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން