މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރުމުން "އޮޓަމެޓިކުން" ފަސްކުރަންޖެހޭ ސަބަބެއް ނޫންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިހެން ބުނީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހައްގުތަކަށް އަރައިގެންފައިކަމަށް ބުނެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނަކަށް ރައްދު ދެމުންނެވެ. އޭޖީ އޮފީހުން ބުނީ މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރުމުން "އޮޓަމެޓިކުން" ފަސްކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.

ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށްފަހު އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެ އެވެެ.

ރައީސް ޔާމިންގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ހުކުމްގައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަކީ ތަންފީޒުކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އިސްތިއުނާފްކުރަން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް ބަންޑާރަ ނައިބު އެ ގޮތަށް އަމަލުކުރަން ނިންމުމަކީ މައްސަލައިގެ އިސްތިއުނާފަށް ސީދާ ހުރަސްއެޅުންކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގައިވާ ޖޫރިމަނާ ފައިސާ ހޯދުމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބް މިހާރު ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން