ޒުވާނުން ކުށްކުރާ ސަބަބުތައް ދަނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްއާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ދިރާސާއެއް ކުރިޔަށް ގެންދަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާ އައިޝަތު ޝެހެނާޒް އާދަމެވެ. މި ދިރާސާ އަކީ ޒުވާނުން ކުށަށް އަރައިގަންނަ ސަބަބު ހޯދުމާ އަދި އެކުށްތަކަށް މަގުފަހިވާ ސަބަބުތައް ހޯދުމަށް ހަދާ ދިރާސާއެކެެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޝެހެނާޒް ވިދާޅުވީ ތަކުރާރުކޮށް ޒުވާނުން ކުށްކުށައް އަރައިގަންނަ ސަބަބު ހޯދުމަކީ މިފަދަ ދިރާސާއެއް ކުރިއަށް ގެންދިއުމުގެ އެއް ބޭނުން ކަމަށެވެ.



އަދި ޒުވާނުން ވަޒީފާއަށް ނުދާ ސަބަބާ ޒުވާނުންގެ މިޒާޖަށް އަންނަ ބަދަލުތައް ދެނެގަތުމާއި ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދުޅަހެޔޮކަމަށް އަންނަ ބަދަލުގެ އިތުރުން ޒުވާނުން ހުސް ވަގުތު ހޭދަކުރާ ގޮތްވެސް މި ދިރާސާއިން ހޯދުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިދިރާސާގައި ރާއްޖޭގެ ހުރިހާ ރަށަކުން މައުލޫމާތު ހޯދުމަށް ވަނީ ނިންމާފައެވެ. ހަމަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ދިރާސާ ތިން ފިޔަވައްސަކަށް ވަނީ ބަހާލާފައެވެ. މި ދިރާސާގެ އަލީގައި ޒުވާނުން ކުށުގެ ވެށިން ދުރު ކުރުމަށް ފުރުސަތު ހޯދައިދޭނެ ކަމަށް ޔޫތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު