އަހުމަދު މަސްނޫމް   26 އޯގަސްޓު 2021 - 17:23
އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ގަވާއިދަށް ބަދަލު ގެނެސް އެގަވާއިދު މިހާރުވަނީ އާންމުކޮށްފައެވެ. އެ ގަވާއިދުގައި ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ނޫން އެހެން ގޮތަކަށް ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރަން އަންނަ ބިދޭސީންގެ ބިޒްނަސް ވިސާ އެޕްލިކޭޝަން ދެން ބަލައިގަންނާނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

މީގެ ކުރިން ބިޒްނަސް ވިސާއަށް އެދެން ޖެހެނީ އިމިގްރޭޝަނަށް ހުށައަޅައިގެންނެވެ. އަދި ކުރިއެކޭ އެއްގޮތަށް މިހާރުވެސް، ރާއްޖޭގައި ވިޔަފާރިކުރަން ޝަރުތު ހަމަނުވާ މީހުންނަށް ބިޒްނަސް ވިސާ ނުދިނުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް އޮވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިން ކަމަށާއި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށެވެ.

އެޕްލިކޭޝަން ހުށައަޅާ ފަރާތެއްގެ ޝަރުތު ހަމަވާނަމަ، އެޕްލިކޭޝަން ބަލައިގަންނަތާ 10 ދުވަހުގެ ތެރޭގައި ބިޒްނަސް ވިސާއެއް ހޯދުމުގެ ހުއްދަ ދޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެެވެ.



އަދި 30 ދުވަހާއި 90 ދުވަހުގެ މުއްދަތަށް ދޫކުރާ ބިޒްނަސް ވިސާއަށް 750 ރުފިޔާގެ ފީއެއްނަގާ ގޮތަށް ހަމަޖެހިފައިވާއިރު އެމީހަކަށް ވިސާ ދޫކުރާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަނުންނެވެ.

ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެއްވެސް ގައުމަކާ އެކު ބިޒްނަސް ވިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ސަރުކާރުން ކަނޑައަޅާފައި ވާނަމަ އެ އުސޫލުގެ ދަށުން އެއްވެސް ހުރަހެއް ނެތި އަމަލު ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު