ސަރުކާރު ހިންގާ މައިޕާޓީ މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއަރޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެޕާޓީގެ އެތެރޭގެ އިންތިޚާބުގެ އެކި ދާއިރާތަކަށް މިހާތަނަށް 735 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާފައިވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް މިއަދު އިއުލާން ކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާފައިވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް މީގެ ކުޑައިރުކޮޅެެއް ކުރިން އެޕާޓީން ވަނީ އިއުލާންކޮށްފައެވެ.



މީގެ އިތުރުން ހަސަން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން 900 އެއްހާ އޮފިޝަލުން ހޯދަމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށް ހަސަން ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުގައި ގާތްގަނޑަކަށް 300 އެއްހާ ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. ކުރިއެކޭ ވެސް އެއްގޮތަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމަށް އާއްމުކޮށް ބޭނުންކުރަނީ ޕާޓީގެ ދަފްތަރު ކަމަށް ހަސަން ވިދާޅުވިއެވެ.

93،000 އަށް ވުރެ ގިނަ މީހުން އެމްޑީޕީގެ ދަފްތަރުގައި ހިމެނޭއިރު، އެ ޕާޓީން ނިންމީ ވޯޓަރޒް ލިސްޓުގައި ހިމެނޭ ކޮންމެ މީހަކަށް ވޯޓުލުމުގެ ހައްގު ދިނުމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރުމަށް ވަނީ ނިއްމާފައެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން،  ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީން ވެސް އިންތިޚާބުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން