މާލެ އަތޮޅު ރަސްފަރި ފަރަށް މިމަހުގެ 19 ވަނަ ދުވަހު އެރި އާގު ބޯޓުގެ ކެޕްޓަން އިހުމާލުވެފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއާއި ކަމާއިބެހޭ އެހެން ފަރާތްތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ އާގުބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނެއްގެ ހޫނުމިން މާބޮޑަށް މަތިވެގެން، އިންޖީނު ނިއްވާލުމުގެ ސަބަބުން ބޯޓު ބީހުމުންކަމަށެވެ. އަދި ބޯޓު ބީހެންދިއުމުން ރަސްފަރި ފަރު ސަލާމަތްކުރުމަށް ބޯޓުގެ ކެޕްޓަންގެ އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށާއި އަދި މިހާދިސާ ހިނގުމުން އަންގަންޖެހޭ ފަރާތްތަކަށް ކެޕްޓަން އަންގާފައިނުވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިބޯޓު ފަރަށް އެރުމުން އެކަމުގެ ރިޕޯޓް ލިބިފައިވަނީ ބޯޓުން ނޫންކަމަށާއި، އެ ރިޕޯޓު ލިބުނީ ވެސް އާންމު ފަރާތަކުންކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރީން ބުނީ މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ނުލިބެނީސް ބޯޓަށް ނުފުރޭނެކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ކޯސްޓްގާޑުން ބުނީ ބޯޓު ފުންކުރުމަށް ގެންނަންޖެހޭ ޓަގު ބޯޓްތައް ރާއްޖެ ގެނެސްފައިވާކަމަށާއި އަދި މިޙާރު އެމަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.



ކ. ރަސްފަރި ފަރަށް މިބޯޓު އަރާފައިވަނީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ބޯޓުގައި ތިބީ ފިލިޕީންސަށް ނިސްބަތްވާ 19 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން