މިއަހަރު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްސްގައި ވާދަކުރުމަށްޓަކާ، ޖަޕާނުގައި މިވަގުތު ތިބި ދިވެހި އެތުލީޓުންނާ، ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް، މިނިސްޓަރ ޝާހިދު މިވަގުތު ހުންނެވީ ޖަޕާނުގައެވެ.

މި ބައްދަލު ކުރެއްވުމުގައި، ޕެރަލިމްޕިކްސްގައި ބައިވެރިވުމަށް ގޮސް މިހާރު ޖަޕާނުގައި ތިބި ދިވެހި ޓީމުގެ ހުރިހާ ޑެލިގޭޓުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފޮރިން މިނިސްޓަރ ވިދާޅުވީ، މިއީ މި މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވުމާއެކު، މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންގެ ނަންވެސް ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމުގައެވެ. އަދި މި މުބާރާތުގައި ތަމްސީލުކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ހޯދައިދޭ ރަން މެޑެއްޔެއްކަމުގައި ވިދާޅުވެ މިނިސްޓަރ ވަނީ ދިވެހި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ދެ އެތުލީޓުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ، ޕެރަލިމްޕިކްސް ދުވުމުގެ އިވެންޓުގައި ވާދަކުރާ ދިވެހި ދެ އެތުލީޓުން ކަމުގައިވާ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމު، ދުވުމުގެ ރޭހުގައި ވާދަކުރާ ދުވަހު، ދެ އެތުލީޓުންނަށް ހިތްވަރުދީ، އަދި ކާމިޔާބީއަށް އެދި ހެޔޮ ދުޢާކުރުމުގައި މުޅި ދިވެހި ގައުމުގެ ކުދިބޮޑު އެންމެހާ ރައްޔިތުންވެސް އެވަގުތު ދަނޑުގައި ތިބިކަމަށް ދެކިގެން، ހިތްވަރާއެކު، އިވެންޓުގައި ގައުމު ތަމްސީލުކޮށް ދިނުމަށް އެދިވަޑައިގަތެވެ.

މީގެއިތުރުން، އެތުލީޓުންނާއި އަދި ޓީމުގައި ހިމެނޭ އޮފިޝަލުން ދެއްކެވި ވާހަކާގައި، މި މުބާރަތަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހަށާއި އަދި ސަރުކާރަށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ޝުކުރު އަދާކުރަށްވާފައެވެ. އަދި ޔޫއެން ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނުހަނު ބުރަކޮށް އުޅުއްވަމުންވެސް، ވަގުތު ހޯއްދަވައިގެން ކުޅުންތެރިންނާ އަދި އޮފިޝަލުންނާ ބައްދަލު ކުރެއްވި ކަމަށްޓަކާ ފޮރިން މިނިސްޓަރަށްވެސް އެބޭފުޅުން ވަނީ ޝުކުރު އަދާކުރަށްވާފައެވެ. އަދި ޕެރަލިމްޕިކްސްގައި ވާދަކުރާ ކުޅުންތެރިންނާ އޮފިޝަލުންވަނީ، ޖަޕާނުގައި މި އިވެންޓުތައް ކުރިޔަށް ދާއިރު، އިންވެޓުތަކާގުޅޭ ޚަބަރުތައް، ވިހާވެސް ފުޅާ ދާއިރާއެއްގައި، ރާއްޖޭގެ ރައްޔިތުންނަށާއި އަދި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ އާއިލާތަކާ ހަމައަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުމަށް މިނިސްޓަރ ޝާހިދުގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ، މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެކުޅުންތެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ފަރާތުން ތަހުނިޔާ ދަންނަވާފައެވެ. މިބައްދަކު ކުރެއްވުމުގައި، ޖަޕާނުގައި ހުންނަވާ ދިވެހި އެމްބެސެޑަރ އިބްރާހިމް އުވައިސްއާއި، ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު އަމީތުވެސް ބައިވެރިވެ ވަޑައިގަތެވެ.

ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރ ސްޕްރިންޓުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން