އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވުމުން ޓެރަރިޒަމްގެ ނުރައްކާތެރިކަން މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި އެކަމާ ކުރިމަތިލުމުގެ ގާބިލުކަން ރާއްޖޭގެ ސަލާމަތީ ހިދުމަތުގައި އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަޙައްދީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއްކަމަށެވެ.

އެފަދަ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމީ މުހިންމު ކަމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ޙިއްޞާކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

"އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރުވެސް އެދަނީ ކުރަމުން. އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށްވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެ." ރައީސް ސާލިޙު ވިދާޅުވިއެެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ސާލިޙު ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެކަމަށެވެ. ރައީސް ވަނީ ޤާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނާއި ސިފައިންގެ ތެރޭގައި ޢަމަލުކުރަމުން އަންނަ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ސިފަވަންތަ ބައެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިއްބެވުމަށް ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

ސިފައިންގެ މީހަކަށް ވުމާއެކު، މަސައްކަތް ކުރަންވީ، ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދިނުމަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ހިތްވަރާއި ސާބިތުކަމާ އެކުގައި، ދީނާއި ޤައުމު ދިފާޢުކުރުމުގައި ދެމިތިބޭ އަދި އެމީހުންގެ ޢާއިލާތަކަށާއި ދިވެހި ޤައުމަށް ރީތި ނަން ހޯދައިދޭ ބަޔެއްގެ ގޮތުގައި ދެމިތިބުމަށް އެމަނިކުފާނު ވަނީ ސިފައިންނަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން