އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ކޯވިޑް ރެޑް ލިސްޓުން ރާއްޖެ އުނިނުކޮށް އަނެއްކާވެސް އެ ލިސްޓް އަދާހަމަކޮށްފިއެވެ.

އިނގިރޭސިވިލާތަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، އެ ގައުމުން ވަނީ ގައުމުތައް 3 ކެޓަގަރީއަކަށް ބަހާލާފައެވެ. އެއީ ގްރީން، އެމްބަރ އަދި ރެޑް ލިސްޓެވެ. މީގެތެރެއިން ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުގެ މީހުން ޔޫކޭއަށް ދަތުރުކުރާނަމަ އެގައުމަށް ގޮސް 10 ދުވަހުގެ ކަރަންޓީނެއް، ހާއްސަ ފެސިލިޓީއެއްގައި ފުރިހަމަކުރަންޖެހެއެވެ. ނަމަވެސް ގްރީން ލިސްޓާއި އެމްބަރ ލިސްޓުގައި ހިމެނޭ ފަރާތްތަކުން މި ކަރަންޓީން ފުރިހަމަކުރާކަށް ނުޖެހެއެވެ.

ފެށުނީއްސުރެ ރާއްޖެ ރެޑް ލިސްޓުގައި ހިމެނޭއިރު، ރާއްޖެއިން ޔޫކޭއަށް ދާ މީހުންގެ އިތުރުން، ރާއްޖެއިން އެނބުރި ޤައުމަށްދާ އިނގިރޭސި ފަތުރުވެރިންނަށްވެސް މި އުސޫލު ހިނގައެވެ. އެހެންކަމުން މިއީ އިނގިރޭސި ވިލާތުން ފަތުރުވެރިން ރާއްޖެ އައުމަށް އޮތް ބޮޑު ހުރަހެކެވެ.

މިލިސްޓުތަކުގައި ހިމެނޭ ގައުމުތަކުގެ ހާލަތަށް ބެލުމަށްފަހު ލިސްޓް ރިވިއުކުރަމުންދާއިރު، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް ނެރޭ ރެޑް ލިސްޓުން ރާއްޖެ އުނިވާނޭކާމަށް އޮތީ ބެލެވިފައެވެ. ނަމަވެސް އިއްޔެ ނެރުނު ޔޫކޭގެ ކޯވިޑް ރެޑް ލިސްޓުގައިވެސް ރާއްޖެ އޮތީ ހިމަނާފައެވެ.



މިކަމާއި ގުޅިގެން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ކޯވިޑްގެ އަދަދުތައް ދަށްވެފައި، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖޭގައި ނިސްބަތުން ގިނައިރު، ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖޭގެ ނަން ތަކުރާރުކޮށް ހިމަނަމުންދިއުމަކީ ހިތާމަކުރައްވާކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ޖީނޯމް ސިކުއެންސިންގެ މަސައްކަތް ފަށާފައިވާކަންވެސް ފަރަހަނާޒް ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖޭގެ އިތުރުން ހިމެނޭ ގައުމުތަކަށް ބަލާއިރު، އަފްޣާނިސްތާން، ބަންގްލަދޭޝް، ބްރެޒިލް، އިތިއޯޕިއާ، ނޭޕާލް، ޕާކިސްތާނު، ސްރީލަންކާ ހިމެނެއެވެ. ކޯވިޑްގެ ހާލަތު ރާއްޖެއަށް ވުރެ ގޯސްކޮށް އުޅޭ އިންޑިއާ އޮތީ ލުއި ދީފައިވާ ގައުމުތައް ހިމެނޭ އެމްބަރ ލިސްޓުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން