ބުހުތާނު ދޮގު ވާހަކަތައް ދެއްކެވުން ހުއްޓާމަވާލެއްވުމަށްފަހު ރައްޔިތުން އަޑު އަހާނެ ޒާތުގެ ވާހަކަތައް ދެއްކެވުމަށް ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ނުކުރާ އަދި ހިސާން ހުސައިން ސްޕޮންސަރުކޮށް މަޖިލީހަށް ހުށައެޅި ނަފްރަތާއި ގުޅޭ ބިލަށް ތާއީދު ނުކުރާ މެންބަރުން ޖުމްހޫރީ ޕާޓީއަށް ބަދަލުވަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސާލިޙު ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި އެވާހަކަތަކަކީ "ރޯ ބުހުތާނު ދޮގެއް" ކަމަށެވެ. 

ބަރުލަމާނީ ނިޒާމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަބަދުވެސް ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އަލީ ސޯލިހް ވިދާޅުވީ އެ ނިޒާމާއި ދެކޮޅަށް ގާސިމް ވާހަކަފުޅު އެދެއްކެވީ އަލަށް ނޫން ކަމަށާއި، އެހެންކަމުން އެފަދަ ބުހުތާނު ވާހަކަތަށް ހުއްޓަވާލެއްވުމަށްފަހު ރައްޔިތުން އަޑު އަހާނެ ޒާތުގެ ވާހަކަތައް ދެއްކެވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"ޖޭޕީ މަސައްކަތްތައް ފަށާ ސަފުތައް އަތުރާލުމާއިއެކު މޭކަރާ ބަޔަކު ވެސް އެބަ ތިބިތާއޭ، ޖޭޕީ އަދި ގާސިމް އިބްރާހިމް މި ރާއްޖޭގެ ޕޮލިޓިކްސްގައި ހުންނެވި ހިސާބު މިފަދަ ކޮންމެ ވާހަކައަކުން ހާމަވެގެންދާތީ މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނުއުކާނެ." އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ، ދުވަސްތަކަކަށްފަހު ޖޭޕީގެ މަސައްކަތްތައް ކުރިއަށް ދަނީ މީގެ ކުރިންވެސް ހިންގުން ހަރުދަނާ ކުރުމަށް ރޭވިފައިވާ މަސައްކަތްތަކާއިގެން ކަމަށެވެ. އަދި ޖޭޕީގެ މަސައްކަތްތައް މެދުކެނޑުނީ ކޮވިޑް-19 އާއި ގުޅިގެންކަން ފާހަގަކުރައްވައި އަލީ ސޯލިހް ވިދާޅުވީ އެ ހާލަތު މެދުވެރިވުމާއި ހަމަޔަށް ޕާޓީން ދިޔައީ މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތައް ހިންގަމުން ކަމަށެވެ.

އަދި ޖަލްސާތައްވެސް ބާއްވަމުންދިޔަ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އަންނަ ހޯމަ ދުވަހުވެސް ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

މިމަހުގެ 16 ވަނަ ދުވަހު ފެށި ކައުންސިލް ބައްދަލުވުންތަކަށްފަހު ޕާޓީގެ ހަރަކާތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމާ، މެންބަރުން އިތުރުކުރުމަށް ކުރެވޭނެ ކަންތައްތަކާ މެދު މަޝްވަރާކޮށް ޕާޓީ ވަރުގަދަ ކުރުމުގެ މަަސައްކަތްތައް ޕާޓީން އަލުން ފަށާފައިވާ ކަމަށް ޖުމުހޫރީ ޕާޓީން ވަނީ ބުނެފައެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން