މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް، ޢަބްދު ﷲ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ހެޔޮ އެދުންތައް ބޮޑުވަޒީރު ސޫގާ އަށާއި، ޖަޕާން ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޖަޕާނުން އެކި ދާއިރާތަކުން، ޚާއްސަކޮށް ކޮވިޑްގެ މި ދުވަސްވަރު، ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާއިރު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގައި ހިމެނޭ ކަންކަމާ ބެހޭ މައުލޫމާތު، މިނިސްޓަރ ޝާހިދު ވަނީ ބޮޑޫވަޒީރު ސޫގާއާ ހިއްސާ ކުރަށްވާ ފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ މިއަދު ޖަޕާންގެ ފޮރިން މިނިސްޓަރ ޓޮޝިމިޓްސޫ މޮޓެޖީ އާއިވެސް ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ޖަޕާނަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޖަޕާން ސަރުކާރުގެ ދައުވަތަކަށް އޮގަސްޓް 26 އިން 28 އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެހެން ބައެއް ގައުމުތަކަށް ވެސް ޝާހިދު ވަނީ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން