މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ސައިންޓިފިކް ކަމެއް ނޫންކަމަށާއި، މިއީ އަހަރުމެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަމަށް ފޮރިން މިނިސްޓަރ އަދި އދ. ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދު ﷲ ޝާހިދު ވިދާޅުވެެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތަކާއި، އެކަމާގުޅިގެން ކުރިމަތިވާ ގެއްލުންތަކާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުން މަޝްވަރާކުރުމަށް ބާއްވާ ކޮޕް 26 ބައްދަލުވުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. މިގޮތުން މޫސުމީ ބަދަލުތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރެއްގައި ބާއްވާ މިބައްދަލުވުމުން ރަނގަޅު ނަތީޖާއެއް ނެރުމަކީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާކަމެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.

އަދި މިއަހަރު ބާއްވާ ކޮޕް 26 ބައްދަލުވުން ކުރިއަށްދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމަކަށް އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެެހެެއްޓުމުގެ ފުރުސަތު ލިބިގެންދިއުމަކީވެސް ވަރަށް މުހިންމުކަމެއްކަމުގައި މިނިސްޓަރ ޝާހިދު ފާހަގަ ކުރައްވާފައިވެއެވެ. ހާއްސަގޮތެއްގައި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ސައިންޓިފިކް ކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

"މޫސުމަށް އަންނަ ބަދަލުތަކަކީ އަޅުގަނޑުމެންނަށް ހަމައެކަނި ބޮޑު ސައިންޓިފިކް ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް. އަޅުގަނޑުމެންގެ ދިރިތިބުން ބަރޯސާވެގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ މައްޗަށް." ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދު ﷲ ޝާހިދު ވިދާޅުވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މޫސުމައް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އދ.ގެ ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ޝާހިދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިގޮތުން މިބައްދަލުވުންތަކުގައި ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް މާލީއެހީގެގޮތުގައި 100 ބިލިއަން ޑޮލަރު ހޯދުމަށް މަޝްވަރާތައް ކުރައްވާނެކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމަށް ބައިނަލްއަގުމާވީ އެކުވެރިންނަށް ބަރޯސާ ވާގައުމުތަކެކެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އދ.ގެ ހާއްސަ ބައްދަލުވުންތަކާއި، ކޮޕް 26 ގެ ބައްދަލުވުމުން ދުނިޔޭގެ އެކި ގައުމުތަކުން މުހިންމު އެއްބަސްވުންތަކަކަށް އައުމުގެ މުހިންމުކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން