އަހުމަދު މަސްނޫމް   28 އޯގަސްޓު 2021 - 16:6
މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމްގެ ރައީސްކަމުގެ މަގާމަށް އެޕާޓީގެ މިހާރުގެ ރައީސް، ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވާދަކުރައްވަން ނިންމަވަައިފިއެވެ.

އެމްއާރުއެމްގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބާއްވާ ގައުމީ ޖަލްސާ އަންނަ އޮކްޓޯބަރުމަހު ބާއްވަން ނިންމާފައިވާކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.

އެމްއާރުއެމްގެ ގައުމީ ޖަލްސާއަކީ ޕާޓީ ރަޖިސްޓްރީކުރުމަށްފަހު ވަކި މުއްދަތެއްގެ ތެރޭގައި ބާއްވަން ޖެހޭ ޖަލްސާއެކެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ޖަލްސާ ފަސްކުރަންޖެހުނީއެވެ.

އޮކްޓޫބަރުމަހު އެމްއާރުއެމްގެ ގައުމީ ޖަލްސާ ބާއްވަން ނިންމާފައިވާއިރު، ޕާޓީގެ ރައީސާއި، ނާއިބު ރައީސް، ކައުންސިލް މެމްބަރުންފަދަ މަގާމްތަކަށް ބޭފުޅުން އައްޔަންކުރުން އެޖަލްސާގައި އޮންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުގެ ރައީސްކަމުގެ މަގާމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. ނަމަވެސް އެކަން މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް، ވަރަށް އަވަހަށް އެކަން ހާމަކުރައްވާނެކަމަށް އެމައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރުއެމުން ވާދަކުރުމުގެ ވިސްނުން ގެންގުޅެއެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން އެމްއާރުއެމުން މިހާތަނަށް ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން