މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
ސަގާފީ ތަރިކަ މުހިއްމުވަނީ އެއިން އެއްބައިވަންތަކަން ގެނަސްދީ، އުއްމީދު އާކޮށްދޭތީ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްޞަކޮށްގެން ވެބްސައިޓެއް ޤާއިމްކޮށް އާންމުކުރުމަށް ހޯމަ ދުވަހު ހެނދުނު ބޭއްވި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވެބްސައިޓް އާންމުކުރުމަށްޓަކައި އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިމިވާ މިފަދަ ދަނޑިވަޅުތަކުގައި ސަގާފަތާއި ތަރިކަ މުހިންމު ވަނީ އެއިން އެއްބައިވަންތަކަން ގެނުވައި، އެއްބަޔަކު އަނެއް ބަޔަކަށް އަޅައިލާ އިހުތިރާމު ކުރަން ދަސްކޮށްދީ، އުއްމީދު އާކޮށްދޭތީ ކަމަށެވެ. އަދި ޒަމާނާއި އެއްގޮތަށް، ތާރީޚާއި ތަރިކައިގެ މަޢުލޫމާތު ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް އޮންލައިން މަންސަތަކުން ލިބޭނެ މަގު ފަހިކުރުމުގެ މުހިއްމުކަން މިއަދު އިތުރަށް ހާމަވެގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކުން ރަމްޒުކޮށްދެނީ ދިވެހިންގެ އިސްލާމީ ތާރީޚާއި، މުއްސަނދި ތަރިކައާއި، ހުނަރުން ފުރިގެންވާ ފަންނުވެރިކަން ކަމަށާއި، އަދި އެ މިސްކިތްތައް ރޭވުމުގައި ބޭނުންކޮށްފައިވާ އުކުޅުތަކުގެ މޮޅުކަމާއި މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ، މިފަދަ ވެބްސައިޓެއް ޤާއިމްކުރެވި އާންމުންނަށް އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްވެގެން ދިއުމަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަކެއް ހިމެނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބާރެއްކަން ބަޔާންކުރައްވައި، މި މަސައްކަތުގައި ވިލާތުގެ އިއްތިޙާދުން ވެފައިވާ އެހީއަށްޓަކައި އެ އިއްތިޙާދަށް މިނިސްޓަރ ޔުމްނާ ޝުކުރު އަދާކުރެއްވިއެވެ.

މި ވެބްސައިޓް އާންމުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ވިލާތުގެ އިއްތިޙާދުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަހާސިރި ޑެނިސް ޗައިބީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ޗައިބީ ވިދާޅުވީ، ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަކީ މިވަގުތު ދުނިޔޭގައި ހުރި މިފަދަ ހަމައެކަނި މިސްކިތްތައްކަމުން، އެ މިސްކިތްތަކަކީ ދިވެހިންގެ މުހިއްމު ތަރިކައެއް ކަމަށާއި، އަދި އެ މިސްކިތްތަކާއި ގުޅޭ މަޢުލޫމާތު މިފަދަ ވެބްސައިޓެއް މެދުވެރިކޮށް ލިބޭނެ މަގު ތަނަވަސްކޮށްދެވުން މިއީ ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

މި ވެބްސައިޓަކީ ވިލާތުގެ އިއްތިޙާދުގެ މާލީ އެހީއާއި، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އެއްބާރުލުމާ އެކު، ދިވެހި އާކިޓެކްޓް އަދި ހިރިގަލު މިސްކިތްތަކާއި ބެހޭ ތަޖުރިބާކާރެއް ކަމުގައިވާ މައުރޫފް ޖަމީލް ތައްޔާރުކުރައްވާފައިވާ ވެބްސައިޓެކެވެ. ވެބްސައިޓް ޑިވެލޮޕްކޮށް ފަރުމާކޮށްފައިވަނީ މުއައްވަޒް ޔޫސުފެވެ.

ވެބްސައިޓް ޤާއިމްކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި މައުރޫފް ޖަމީލް މި ރަސްމިއްޔާތުގައި ވިދާޅުވީ، މި ވެބްސައިޓް މެދުވެރިކޮށް މިހާރު ރާއްޖޭގައި ހުރި ހުރިހާ ހިރިގަލު މިސްކިތްތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި މި ވެބްސައިޓް އިތުރަށް ތަރައްޤީ ކުރައްވާނެކަމަށެވެ.

ކޮރަލް ސްޓޯން މޮސްކްސް އޮފް ދި މޯލްޑިވްސް ވެބްސައިޓް ފަރުމާކޮށްފައިވަނީ ދިވެހި ބަހާއި އިނގެރޭސި ބަހުންވެސް މަޢުލޫމާތު ހިމަނައިގެންނެވެ. މި ވެބްސައިޓްގައި ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކާއި، އެ މިސްކިތްތައް ހުރި ތަންތަނާއި، މިސްކިތްތަކުގެ ފަރުމާއާއި، އެ މިސްކިތްތަކުގެ ތާރީޚުވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން ފަންނީ ގޮތުން ރާއްޖޭގެ ހިރިގަލު މިސްކިތްތަކުގައި ފާހަގަކުރެވޭ ކަންކަމުގެ ތަފްޞީލުތައްވެސް މި ވެބްސައިޓްގައި ވަނީ ހިމަނާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިސްކިތްތަކުގެ ހާލަތަށް އަންނަމުންދާ ބަދަލުތައްވެސް މި ވެބްސައިޓް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

އަލީ

13-May-2020

ޔުމްނާއަކީވެސް ވަޒީރެއްހޭ. އެހެންވިއްޔާ ކުރީ ކޮންކަމެއްހޭ



ޓްރެންޑިން