ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މަޝްރޫއެއް ހިންގައިދޭ ފަރާތްތަކަށް ހިއްކާއި ފަޅާއި ރަށް ދޫކުރާ ގޮތަށް ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދެއް އެކުލަވާލައިފިއެވެ.

ޓޫރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހެއްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ މި ގަވާއިދަކީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދެކެވެ. އެ ގަވާއިދުގައި އެކަމާ ގުޅޭ އުސޫލުތަކެއް ވަނީ ބަޔާންކޮށްފައެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ބޭނުންވާ މަޝްރޫއުތަކެއް ރައީސް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ރައީސް ބޭނުންފުޅުވާ އެފަދަ މަޝްރޫއުތައް ކަނޑައަޅައި ކޮންމެ އަހަރަކު ގަރާރެއް ނެރެ، ސަރުކާރުގެ ގެޒެޓްގައި އާންމު ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. މި ގަރާރުގައި ރައީސް ހިންގަވަން ބޭނުންފުޅުވާ މަޝްރޫއުގެ ތައާރަފަކާއި، މަޝްރޫއު ހިންގަން ގަސްތުކުރާ އަތޮޅާއި ރަށް ނުވަތަ ސަރަހައްދު، އަދި މަޝްރޫއަށް ޚަރަދު ކުރަން ޖެހޭ އެންމެ ދަށް މިންވަރު ހިމަނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ގަވާއިދުގައި އިތުރަށް ބުނެފައިވަނީ ރައީސް ކަނޑައަޅުއްވާ އެ ގަރާރުން ބަޔާން ކުރާ ލިސްޓެއްގައި ހިމެނޭ ރަށްރަށާއި ތަންތަނުގެ ތެރެއިން މަޝްރޫއު ހިންގާ ފަރާތުން ތަނެއް އިޚްތިޔާރު ކުރުމުން އެ ރަށެއް ނޫނީ ފަޅެއް ކުއްޔަށް ދިނުމާ މެދު ގޮތެއް ނިންމެވުމުގެ ބާރު ވެސް އޮންނާނީ ރައީސަށް ކަމަށެވެ. އެ ލިސްޓުގައިވާ ރަށްރަށް ނޫނީ ތަންތަނުގެ ތެރޭގައި ނުހިމެނޭ ރަށެއް ނުވަތަ ފަޅެއް ނުވަތަ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދަން މަޝްރޫއު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަނެ ލިސްޓަށް އުނި އިތުރު ގެނައުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ވެސް މި ގަވާއިދުން ވަނީ ލިބިދީފައެވެ. އަދި އެ ތަނެއް ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުމުގައި ކުއްޔަށް ދެވޭ ފަރާތާއެކު ސަރުކާރުގެ ފަރާތުން ސޮއިކުރާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ރަށެއް ނުވަތަ ފަޅެއް މަޝްރޫއު ހިންގާ ފަރާތަކަށް ދިނުމުގެ ކުރިން އެ ފަރާތަކުން ހިންގި މަޝްރޫއަކާ ގުޅޭ މައުލޫމާތުތައް އާންމު ކުރަން ޖެހޭނެ ކަމުގައި ގަވާއިދުގައި ވަނީ ބުނެފައެވެ.

އާންމުކޮށް ގެޒެޓް ކުރާ އެ މައުލޫމާތުތަކުގެ ތެރޭގައި މަޝްރޫއުގެ ތައާރަފަކާއި، މަޝްރޫއު ހިންގާފައިވާ އަތޮޅާއި ރަށް، މަޝްރޫއު ހިންގި ފަރާތުން ކޮށްފައިވާ ޚަރަދު، މަޝްރޫއު ހިންގި ފަރާތް، މަޝްރޫއު ހިންގުމަށް އެ ފަރާތާއި ސަރުކާރުން އެއްބަސްވުން އެކުލަވާލި ތާރީޚް، އަދި މަޝްރޫއު ނިމުނު ތާރީޚް ހިމަނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން