ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސައޫދީ ސަރުކާރުގެ ވަފްދެއް ރާއްޖެ އަތުވެއްޖެއެވެ.

ސައުދީން ރާއްޖެ އައި ވަފްދުގެ އިސް ބޭފުޅަކަށް ހުންނެވީ ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ އައްވަދު ސަބްތީ އެލެނެޒީއެވެ.

ސަލްމާން މިސްކިތް ހުޅުވުމާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތައް އޮންނާނީ މާދަމާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްވަރާތަކުގައި ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީ އަދި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުން ބައިވެރިވާނެއެވެ.

ސަލްމާން މިސްކިތުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާއިރު، މިދިޔަ ރޯދަމަހު މިސްކިތް ހުޅުވާނެކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް ރޯދަމަސް ނިމުނުއިރުވެސް އެކަމެއް ނުވިއެވެ. ސަރުކާރުން ބުނަމުން ދަނީ ސަލްމާން މިސްކިތް ހުޅުވުން ލަސްވެގެން އުޅެނީ ސައުދީން އަންނަންޖެހޭ ވަފްދަށް ނާދެވިގެންކަމަށެވެ.

6 ފަންގިފިލާއަށް ބިނާ ކޮށްފައިވާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުރެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ.

ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން